މިހާރު ކުރިއަށްދާ މިނިވަން ފަންސާސް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދާ ޓީމަށް އޭއެފްސީ ކުލަބު މުބާރާތަކުން ޖަގައެއް ހޮދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެފްއޭއެމުން ބުނެފިއެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެރެޓަރީ ބައްސާމް ޢަދީލް ޖަލީލް ވިދާޅުވީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވަރަށް ޚާއްސަ އިސްކަމެއް ދެއްވައިގެން އެކަމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އޭއެފްސީއިން ކުލަބު ލެވެލްގައި ކުރިއަށް ގެންދަނީ ތިން މުބާރާތެވެ. އެއީ އޭޝިއާގެ އެންމެ މަތީ ފަންތީގެ ކުލަބު ލެވެލްގެ މުބާރާތް ކަމުގައިވާ އޭއެފްސީ ޗެމްޕިއަންސް ލީގާއި އޭއެފްސީ ކަޕާއި އޭއެފްސީ ޕްރެޒިޑެންޓް ކަޕެވެ.

ނަމަވެސް އޭއެފްސީން ވަނީ މިދިޔަ އަހަރުގެ މުބާރާތަށް ފަހު އޭއެފްސީ ޕްރެޒިޑެންޓް ކަޕް ހުއްޓާލާފައެވެ.

އެފްއޭއެމުން މަސައްކަތް ކުރަމުންދަނީ އޭއެފްސީ ކަޕްގެ އިތުރު ޖާގައެއް ހޯދުން ތޯ ސަންއިން ސުވާލުކުރުމުން ބައްސާމް ވިދާޅުވީ އަމާޒަކީ އޭއެފްސީ ކުލަބް މުބާރަތަކުން މިނިވަން50 ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަން ޓިމަށް ފުރުސަތު ހޯދައިދިނުން ކަމަށެވެ.