15 Mar 2011, 21:47
އޭއެފްސީކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ވިއެޓްނާމްގެ ސޮންގލަމް އާއި ވާދަކޮށް ގިނަ ބަޔަކު ހީކުރިގޮތާ ޚިލާފަށް ވީބީ އަމިއްލަ ގައުމުގައި ބަލިވެއްޖެ އެވެ.
ފުރަތަމަ މެޗުގައި އިންޑޮނޭޝިއާގެ ސްރީވިޖައާ އާއި ދެކޮޅަށް ކުޅެ އެއްވަރުކޮށްފައިވާ ވީބީ މިއަދުގެ މެޗަށް ނުކުތީ އެ ދަތުރުގައި ބައިވެރިނުވެ ހުރި އަލީ އަޝްފާގު(ދަގަނޑޭ) ހިމަނައިގެންނެވެ. މެޗު ފެށިގެން އަޝްފާގު ދައްކަމުން ދިޔަ ކުޅުމުގެ ސަބަބުން ދާދި ފަސޭހަކަމާއެކު ވީބީ މޮޅުވެދާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ރެފްރީ ފަހު ކަށިގަނޑު ފުމެލިއިރު ސްކޯ ބޯޑުގައި އޮތީ ވިއެޓްނާމް ޓީމު 3-1 ލަނޑުން މޮޅުވީ ކަމަށެވެ.
މެޗުގެ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓްގައި ސަމްވީލު ގާސިމް(ބޮންޑާ)ގެ ޕާހަކުން ދަގަނޑޭ ވަނީ ސޮންގލަމްގެ ގޯލު ފޫއަޅުވާލާފައެވެ. ދަގަނޑޭގެ މި ހިތްގައިމު ލަނޑާއެކު ސަޕޯޓަރުން ޖަހަންފެށި ތަރުހީބުގެ އަތްތިލަބަޑި ނުނިމެނީސް ސޮންގލަމްގެ ގުއަންގ ދުރުން ފޮނުވާލި ބާރު ހަމަލާ ވަނީ ވީބީގެ ދާގަނޑުގައި ތައްވެފައެވެ.
ލަނޑަށްފަހު ފުރަތަމަ ހާފުގައި ސޮންގލަމް ރަނގަޅަށް ކުޅުނު ނަމަވެސް ވީބީގެ ނުރައްކާތެރިކަންވެސް ކުޑައެއް ނޫނެވެ.
ދެވަނަ ހާފުން ވީބީ ފެށީ އާދަމް ފަޒީހު(ފަދިއްކޮ)ގެ ބަދަލުގައި އަލީ އުމަރު ކުޅެން ނެރެގެންނެވެ. ފުރަތަމަ 5 ވަރަކަށް މިނެޓް އަލީ އުމަރުގެ ފަރާތުން ބޮޑެތި ފައިދާތަކެއް ވިއެވެ. އިރުކޮޅަކުން ފެނުނީ ބޯޅައިގައި އަތްލައިގެން ސޮންގލަމްގެ ކުޅުންތެރިއަކަށް ރެފްރީ ދެވަނަ ރީނދޫކާޑާއެކު ރަތްކާޑު ދެއްކި މަންޒަރެވެ. އެހިސާބުން ގަބޫލު ކުރެވުނީ ބުންވަރު ގޮސްފައި ތިބި ވިއެޓްނާމް ޓީމުގެ ދުވަސް ދިޔައީ ކަމަށެވެ. ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. އޭގެ ކުޑައިރުކޮޅެއްފަހުން ވީބީގެ ކުޅުންތެރިން ކުރިއަރައިގެން އުޅުނު ދަނޑިވަޅެއްގައި ގޮކް އަންހު ވަނީ އަބްދުﷲ ހަނީފު(ބެންޖޯ) ހުރަސް އަޅަނިކޮށް ކީޕަރު އިމްރާން މުހައްމަދުގެ އަތްކައިރިން ފޮނުވާލައިގެން ލީޑް ހޯދާފައެވެ.
މިލަނޑާއެކު ވީބީ ވަރަށް ބޮޑަށް މާޔޫސްވިއެވެ. އެހެން ނަމަވެސް ހިތްވަރު ލައިގެން އަލުން ގޯލެއް ޖަހަން ކުރަމުން ދިޔަ މަސައްކަތުން އެޓީމަށް އަލިމަގެއް ނުފެންނަނީސް ސޮންގލަމްގެ ތިންގ 3 ލަނޑަށް ލީޑް ފުޅާކޮށްދިނެވެ. މިއީ ވީބީގެ ޑިފެންޑަރ ޑަގުލަސްއަށް ގޯލު ކުރިމަތިން ސާފުކޮށްލަން ލިބުނު ބޯޅައެއް އޭނާގެ ފަޔަށް ރަނގަޅަށް ނޭރުމުން އިދިކޮޅު ކުޅުންތެރިޔާއަށް ލިބިގެން ކާމިޔާބު ކުރި ލަނޑެކެވެ.
މެޗުގެ އެންމެ ފަހު ވަގުތުކޮޅު އާދަމް ލަރީފު(ރޮނާލްޑޯ) ޖެހި ބޯޅައެއް ދަނޑީގައި ޖެހިފައިވެސް ނުކުތެވެ.
މި ނަތީޖާއަކީ އެންމެ ފަހުން ސިންގަޕޫރުގެ ޓެމްޕައިންސް ރޯވާސް އާއި ދެކޮޅަށް ކުޅެ ވިކްޓަރީވެސް ބަލިވި ނަތީޖާއެވެ. ނަމަވެސް އިންޑޮނޭޝިއާގައި އެންމެ ފަހުން ކުޅުނު މެޗުގައި ވީބީ ވަނީ އެއްވަރުކޮށްފައެވެ.
މިގްރޫޕްގައި މިއަދު ކުޅެވުނު އަނެއް މެޗުގައި ހޮންކޮންގގެ ޕިގާސުސް އަތުން ސްރީވިޖަޔާ ވަނީ 2-1 ލަނޑުން މޮޅުވެގެން މި ގްރޫޕްގެ 1 ވަނަ ހޯދާފައެވެ. މިއަދުގެ ނަތީޖާއާއެކު އެންެމ ޕޮއިންޓެއް ލިބިގެން ވީބީ އޮތީ ގްރޫޕްގެ ފުލުގައެވެ.
އޭއެފްސީކަޕްގައި މާދަމާ ވިއެޓްނާމްގެ ހޯޕަޓްހަނޯއީ އާއި ދެކޮޅަށް އެ ގައުމުގައި ނުކުންނާނެ އެވެ.