01 Sep 2015, 15:52
ދިވެހި ރާއްޖޭ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް ޓަކައި ބީބީސީ އާ ގުޅިގެން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގްލޯބަލް އިޝްތިހާރު ކުރުމުގެ ކެމްޕެއިނެއް ފަށައިފި އެވެ.
އަންނަ އަހަރުގައި ރާއްޖޭގައި ފާހަގަ ކުރާ "ވިޒިޓް މޯލްޑިވްސް އިޔާ 2016" އަށް ފަތުރުވެރިން ރާއްޖެ ގެނައުމަށް ޓަކައި ކުރިއަށްދާ އިޝްތިހާރު ކުރުމުގެ ކެމްޕެއިން މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
އެގޮތުން "ސަނީ ސައިޑް އޮފް ލައިފް"ގެ ޓެގްގެ ދަށުން ބީބީސީ އިން ރާއްޖެ އިޝްތިހާރު ކުރުމަށް ޓަކައި ތައްޔާރުކޮށްފައިވާ 30 ސިކުންތުގެ އިޝްތިހާރެއް ބީބީސީ އިން ދައްކާނެ އެވެ. އޭގެ އިތުރުން ވެސް ފަތުރުވެރިންގެ މެދުގައި ރާއްޖެ ޕްރޮމޯޓު ކުރުމަށް ޓަކައި 15 ސިކުންތުގެ ހަތަރު ޓީޒާއެއް ވަނީ ތައްޔާރުކޮށްފަ އެވެ.
އެމްއެމްޕީއާރުސީ އިން ބުނީ އެ އިޝްތިހާރުތަކަކީ އޭޝިޔާ ޕެސިފިކް އާއި ޔޫރަޕުގެ ސަރަހައްދުން ގިނަ ފަތުރުވެރިން ގެނައުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.
ބީބީގެ ސައިޓުން ވެސް ރާއްޖޭގެ އިޝްތިހާރު ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ޖެނުއަރީ އިން ފެށިގެން ޖުލައިގެ ނިޔަލަށް ރާއްޖެ އަށް ވަނީ 713،622 ފަތުރުވެރިން އައިސްފަ އެވެ. އެމްއެމްޕީއާރުސީ އިން ބުނީ އެއީ ރަނގަޅު ނަތީޖާއެއް ކަމަށެވެ. އެގޮތުން އެ އަދަދަކީ މިދިޔަ އަހަރުގެ އަދަދަށް ވުރެ 1.7 ޕަސެންޓް ބޮޑު އަދަދެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.