ފުކުޝީމާ : މީގެ ފަސް ދުވަސް ކުރިން ޖަޕާނަށްއައި ބާރުގަދަ ބިންހެލުންތަކާއި ސުނާމީގައި ބޮޑެތި ގެއްލުންތަކެއްލިބި ގޮވުންތަކެއްގޮވި ފުކުޝީމާ ދަޔަންޗީ ނިއުކްލިޔަރ އެކުވެނި ހުންނަނީ ޖަޕާނުގެ އިރުމަތީ ޕްރޮވިންސެއްކަމަށްވާ ފުކުޝީމާގެ ރަށެއްކަމަށްވާ އުކޫމާގައެވެ.

މި އެކުވެނީގައި ހިމެނެނީ ނިއުކްލިޔަރ 6 ރިއެކްޓަރެވެ. ނިއުކްލިޔަރ އެނަރޖީން އިލެކްޓްރިކް ކަރަންޓް އުފައްދާ މިއެކުވެނީގެ ރިއެކްޓަރ ތަކުގެ ޖުމްލަ ކެޕޭސިޓީއަކީ 4.7 ގެގަވާޓް (4700 މެގަވާޓް) ކަރަންޓެވެ.
ދުނިޔޭގައި ކަރަންޓް އުފައްދާ އެންމެ ބޮޑު ނިއުކްލިޔަރ 25 ސްޓޭޝަންގެ ތެރޭގައި ހިމެނޭ މި އެކުވެނީގެ ފުރަތަމަ ރިއެކްޓަރ ބިނާކޮށްފައިވަނީ އެމެރިކާގެ ޖެނެރަލް އިލެކްޓްރިކް ކުންފުނިން 1967 ގައެވެ. އެއަށްފަހު އެއެކުވެނީގެ 2 ވަނަ ރިއެކްޓަރާއި 6 ވަނަ ރިއެކްޓަރ ބިނާކުރީވެސް އެމެރިކާގެ ޖެނެރަލް އިލެކްޓްރިކް ކުންފުނިންނެވެ.

ނަމަވެސް މިއެކުވެނީގެ 3 ވަނަ ރިއެކްޓަރާއި 5 ވަނަ ރިއެކްޓަރ ބިނާކުރީ ޖަޕާނުގެ ޓޮޝީބާ ކުންފުނިންނެވެ. 4 ވަނަ ރިއެކްޓަރު ބިނާކުރީ ޖަޕާނުގެ ހިޓާޗީ ކުންފުނިންނެވެ.

މިދިޔަ ހުކުރުދުވަހު ޖަޕާނަށްއައި ބާރުގަދަ ބިންހެލުމުގައި ފުކުޝީމާ އެކުވެނި ގުޑައިގެން ދިޔައެވެ. އެދުވަހުގެ ބިންހެލުންތަކާއި ސުނާމީއަށްފަހުވެސް މިއެކުވެނީގެ 1 ، 2 އަދި 3 މިރިއެކްޓަރތައް ބަރާބަރަށް މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް މިކާރިޘާއާގުޅިގެން ޖަޕާނުންއެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން މި ރިއެކްޓަރތަކުގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލިއެވެ.

ބިންހެލުމާއެކު ސުނާމީ އެރިއިރު ރިއެކްޓަރ ނަންބަރު 4 ، 5 އަދި 6 ގެ މަސައްކަތްވަނީ ސަރވިސްކުރުމަށްޓަކައި ތަންކޮޅެއް ކުރިން ހުއްޓާލާފައެވެ.

ބިންހެލުންތަކާއި ސުނާމީގެ ސަބަބުން ކުރިން މިދެންނެވި 3 ރިއެކްޓަރގެ ފިނިކުރާ ނިޒާމްތަކަށް ބޮޑެތި ގެއްލުންތަކެއްލިބި އެނިޒާމްތައް ފޭލްވެގެން ދިޔައެވެ. މިކަމާކުރިމަތިލުމުގެ ގޮތުން، މިރިއެކްޓަރތައް ހިންގާ ޓޯކިޔޯ އިލެކްޓްރިކް ޕަވަރ ކުންފުނިން މަސައްކަތްކުރީ ކަނޑުގެ ލޮނުފެން ބޭނުންކޮށްގެން މިރިއެކްޓަރތަކުގެ އެތެރޭގައިވާ އެކަތައިގެ ބައިތައް ފިނިކުރުމަށެވެ. އެއީ މިރިއެކްޓަރތަކުގައިވާ ޔޫރޭނިޔަމް ރޮޑްތައް ވިރިގެން ރޭޑިޔޯ އެކްޓިވް މާއްދާއެއް ލީކުވިޔަ ނުދިނުމަށްޓަކައެވެ.

މިމަސައްކަތުން މި 3 ރިއެކްޓަރގެ އެތެރޭގެ ބައިތައް ރައްކާތެރި މިންވަރަކަށް ފިނި ކުރެވުނު ނަމަވެސް މިރިއެކްޓަރތަކުގެ އެކިތަންތަނުން އެކިފަހަރު ގޮވުންތައް ގޮވައި ރޭޑިޔޯ އެކްޓިވް މާއްދާތައް ލީކުވާން ފެށިއެވެ.
މިހެންދިމާވީ މި 3 ރިއެކްޓަރގެ ފިނިކުރުމުގެ ނިޒާމަށް ލިބުނު ޓެކްނިކަލް ގެއްލުމެއްގެ ސަބަބުން ކަމަށް މިކަމުގައި ޙަރަކާތްތެރިވާ އިންޖިނޭރުން ހާމަކުރެއެވެ.

މިއަދު ގޮވިގޮވުމުގެ ސަބަބުން މި އެކުވެނީގެ 1 ވަނަ ރިއެކްޓަރުގައިވާ އެކަތައިގެ ރޮޑްތަކުގެ ތެރެއިން ބައެއް ރޮޑްތައް ފޫވެއްޓިފައިވެދާނެކަމަށްވަނީ ބެލެވިފައެވެ. މިއާއެކު ފުކުޝީމާ އެކުވެނީގެ ސަރަޙައްދުގައި އިންސާނުންގެ ސިއްޙަތަށް ނުރައްކާވާ މިންވަރަށް ރޭޑިއޭޝަން ހުރިކަމަށް ޖަޕާންގެ ނިއުކްލިޔަރ ސަލާމަތާބެހޭ އެޖެންސީންވަނީ ކަށަވަރުކޮށްދީފައެވެ.

މި އެކުވެންޏަށް ކުރިމަތިވި ގޮވުންތަކާއި ލީކުވުންތަކުގެ ސަބަބުން ވޭތުވެދިޔަ ހަތަރު ދުވަހުގެ ތެރޭގައި ޖަޕާން ސަރުކާރުންވަނީ މިސަރަޙައްދާ ކައިރީގައި ދިރިއުޅޭ 2 ލައްކައަށްވުރެ ގިނަމީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ.

ނަމަވެސް ބާރަށް ވައިޖެހުމުގެ ސަބަބުން ރޭޑިއޭޝަންގެ އަސަރު މިހާރުވަނީ ވެރިރަށް ޓޯކިޔޯއަށާއި ޖަޕާނުގެ އެހެން ސަރަޙައްދުތަކަށްވެސް ފޯރާފައެވެ. ޓޯކިޔޯއިން ފާހަކުރެވުނު ރޭޑިއޭޝަަނުގައި އަޔޮޑިންއާއި ސީޒިޔަމް ގެ ލެވެލް މައްޗަށް ހުރިކަން ފާހަގަކުރެވިފައިވެއެވެ.

ނަމަވެސް ފުކުޝީމާ އެކުވެނީގެ ސަރަޙައްދުގައި އެތަށްހާސް ގުނައަކަށް (އިންސާނުންގެ ސިއްޙަތަށް ގެއްލުންލިބޭ މިންވަރަށް) ރޭޑިއޭޝަންގެ ލެވެލްވަނީ މައްޗަށް ގޮސްފައެވެ. މީގެއިތުރުން ޖަޕާނުގެ ސީތާމާ ސަރަޙައްދުގައިވެސް ރޭޑިއޭޝަންގެ އަސަރު ވަރަށް ބޮޑުކަމަށް ޖަޕާނުގެ ނިއުކްލިޔަރ ސަލާމަތާބެހޭ އެޖެންސީ ބުނެއެވެ. -- ނޫސްއެޖެންސީތައް