ބޭންކޮކް (ސެޕްޓެމްބަރު 1) -- ބޭންކޮކްގެ އެރަވަން ޝަރިން އަށް ދިން ގިނަ ބަޔަކު މަރުވި، ބޮމުގެ ހަމަލާއާ ގުޅިގެން ދެ ވަނަ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ތައިލޭންޑްގެ ބޮޑުވަޒީރާ ހަވާލާދީ ބީބީސީ އިން މިއަދު ބުނީ އެ މައްސަލައިގެ ތުހުމަތުގައި، ކެމްބޯޑިއާ ބޯޑާ ސަރަހައްދާ ކައިރިން، ސަކިއޯ ޕްރޮވިންސުން ހައްޔަރުކުރީ ފިރިހެނެއް ކަމަށެވެ.

"އެއީ ފިރިހެނެއް އަދި ބިދޭސީއެއް،" ބޮޑުވަޒީރު ވިދާޅުވި އެވެ.

ވިހި މީހުން މަރުވި ހާދިސާއާ ގުޅިގެން ހޮނިހިރު ދުވަހު ވެސް ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.

ބޭންކޮކްގެ ބޭރު ސަރަހައްދުގެ ނަން ޖޯކް ސަރަހައްދުގެ އެޕާޓްމަންޓަކުން ފުލުހުން ވަނީ ބޮން ހަދާ މެޓީރިއަލް އާއި 10 ޕާސްޕޯޓެއް ހޯދައިފަ އެވެ.

ތައިލޭންޑުގެ މިލިޓަރީ ސަރުކާރުން ދަނީ އެ މީހާ އާ ސުވާލުކޮށް މައުލޫމާތު އެއްކުރަމުންނެވެ. ނަމަވެސް އެ މީހާގެ ނަމާއި ކޮން ގައުމެއްގެ މީހެއް ކަން ސަރުކާރުން އާންމެއް ނުކުރެ އެވެ.

މިހާތަނަށް ހައްޔަރު ކުރި ދެ މީހުންކުރެ އެކަކީ ވެސް، އެ ބޮން ގޮއްވާލި ދުވަހު، 17 އޯގަސްޓްގައި ޕެކްޕެއް އަޅައިގެން ބޭންކޮކްގެ އެރަވަން ޝަރިން އިން ދަނިކޮށް ސީސީޓީވީ ފްޓޭޖުން ފެނު މީހާ ކަމެއް ކަށަވަރެއް ނުވެ އެވެ.

ހޯމަ ދުވަހު ފުލުހުން ވަނީ ދެ މީހަކު ހައްޔަރު ކުރުމަށް ވޮރަންޓް ނެރެފަ އެވެ. އެއީ ތައިލޭންޑްގެ އަންހެނަކާއި ބިދޭސީ ފިރިހެނެކެވެ.

ފުލުހުން ތުހުމަތު ކުރާ ތައިލޭންޑް އަންހެން މީހާ: އޭނާ އިންކާރު ކުރޭ

ފުލުހުން ނަން އާންމު ކުރި ތައިލޭންޑްގެ 26 އަހަރުގެ އަންހެންމީހާ ނޫސްވެރިން ކައިރީ ބުނީ އޭނާއަކީ ތުރުކީވިލާތުގައި ދިރިއުޅޭ މީހެއް ކަމަށެވެ. އަދި އޭނާ އެންމެ ފަހުން ތައިލެންޑަށް ދިޔައީ މީގެ ތިން މަސް ދުވަސް ކުރިން ކަމަށެވެ. އަދި އޭނާ ބުނީ އޭނާ ދިރިއުޅެނީ އޭނާގެ ފިރިމީހާ އެކު ތުރުކީގައި ކަމަށާއި އޭނާ އަކީ ބޮން ގޮއްވުމުގައި ބައިވެރިއެއް ކަމަށް ބުނުމުން ބޮޑު ހައިރާން ކަމެއް ލިބުނު ކަމަށެވެ.