01 Sep 2015, 14:33
ވައްކަމުގެ މައްސަލަތެކެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހޯދަމުން ދިޔަ މީހަކު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާ އެކު އައްޑޫ ސިޓީގެ ހިތަދޫން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ގިނަ އަދަދެއްގެ ވައްކަމުގެ މައްސަލަތެކެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހޯދަމުން ދަނިކޮށް އާއްމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން އާދިއްތަ ދުވަހުގެ ހަވީރު 04:35 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި މީހާއަކީ ތިން ފަހަރު ހުއްޓުވައި ސުވާލުކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން 11 ފަހަރު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް އޭނާ ނުވަ ފަހަރު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެ މީހާ މައްޗައް ތުހުމަތުކުރެވޭ ތިން މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރެސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފަ އެވެ.
އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމްއެފެއަޒުން ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން ތަހުޤީގް ކުރިޔަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއްދީފަ އެވެ.