01 Sep 2015, 14:29
ވަޒީފާއަށް ނުނިކުމެތިބި ނަރުހުން ވަޒީފާއަށް ނެރުމަށް ހެލްތް މިނިސްޓްރީން ހާއްސަ ޕްރޮގުރާމެއް ފަށައިފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ، ވަޒީފާއަށް ނުނިކުމެ ގިނަ ނަރުހުން ތިބުމުން އެ ކަމަށް ހައްލެއް ލިބޭތޯ މަސައްކަތްތަކެއް ކުރުމަށްޓަކައި ވަޒީފާއަށް ނުނިކުމެ ތިބި ނަރުހުންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތް ކުރުމުން އަންނަ ކަމަށެވެ.
ވަޒީފާ ބޭނުންވާ ނަރުހުންގެ މައުލޫމާތު ލިޔުމަކުން ހެލްތް މިނިސްޓްރީއަށް ހުށަހެޅުމަށް އެމިނިސްޓްރީން ވަނީ އެދިފައެވެ.
ސަރުކާރުގެ ސިއްޙީ ހިދުމަތްދޭ މުއައްސަސާތަކުގައި ދިވެހި މުވައްޒަފުން އިތުރުކުރުމުގެ ގޮތުން ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަހައްދީ ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާ ނަރުހުންނަކީ 100 ޕަސެންޓް ދިވެހިންކަމުގައި ހެދުމަށްޓަކައި ނަރުހުންގެ ތަމްރީނުކޯސް ނިންމާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލައި އެކަމަށް އެދޭ ފަރާތްތައް ވަޒީފާއަށް ނެރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.