15 Mar 2011, 20:53
ޓޯކިޔޯ : ބިންހެލުމާއި ސުނާމީގެ ސަބަބުން ގެއްލުން ލިބިފައިވާ ޖަޕާންގެ ފުކުޝީމާ ނިުކްލިޔަރ އެކުވެނީގެ 2 ނަންބަރު ރިއެކްޓަރުގައި މިއަދު އަނެއްކާވެސް ގޮވުންތަކެއް ގޮވައިގެން އެ ރިއެކްޓަރަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.
މިއީ ވޭތުވެދިޔަ ހަތަރު ދުވަހުގެ ތެރޭގައި އެ ރިއެކްޓަރުގައި ގޮވި ތިންވަނަ ގޮވުމެވެ. މިއަދު ގޮވިގޮވުމުގެ ސަބަބުން މިރިއެކްޓަރުގެ އެންމެ ފުނުގައިވާ އެކަތައިގެ ރޮޑްތަކުގެ ތެރެއިން ބައެއް ރޮޑްތައް ފޫވެއްޓުމުގެ ބިރު އެބައޮތް ކަމަށްވާތީ މިކަން ބަލަމުންގެންދާ ކަމަށް ނިއުކްލިޔަރ ސޭފްޓީއާބެހޭ ޖަޕާނުގެ އެޖެންސީން ބުނެއެވެ.
މިރޮޑްތަކަކީ ފައްކާކޮށްފައިވާ ޔޫރޭނިޔަމް އަޅާފައިވާ ރޮޑްތަކެވެ. މިއިން ރޮޑެއް ފޫވެއްޓިއްޖެނަމަ އެއިން ރޭޑިއޯ އެކްޓިވް މާއްދާތައް ލީކުވެ ނިއުކްލިޔަރ ކާރިޘާއަކާ ކުރިމަތިލާންޖެހުމަކީ ގާތްކަމެއް ކަމަށްވެސް މިއެޖެންސީން ބުނެއެވެ.
މިއަދު ގޮވި ގޮވުމަށްފަހު މިސަރަޙައްދު ޓެސްޓްކުރިއިރު އިންސާނުންގެ ސިއްޙަތަށް ނުރައްކާވާ މިންވަރަށް ރޭޑިއޭޝަންގެ އަސަރު ޖައްވުގައި އެބަހުރި ކަމަށާއި މީގެމާނައަކީ އިތުރު ރޭޑިއޭޝަން ލީކުވެގެން ދިޔުން ކަމަށް ނިއުކްލިޔަރ ސޭފްޓީއާބެހޭ ޖަޕާނުގެ އެޖެންސީން ބުނެއެވެ.
އަނެއްކޮޅުން ފުކުޝީމާ ދައިންޗީ ނިއުކްލިޔަރ އެކުވެނީގެ 4 ވަނަ ރިއެކްޓަރ ގެ ޢިމާރާތުގައި ވެސް މިއަދުވަނީ އަލިފާނުގެ ޙާދިޘާއެއް ހިނގާފައެވެ. މިއީ ޖަޕާނުގެ އިރުއުތުރުގެ ސަރަޙައްދުގެ ބިމަށް އަންނަމުންދާ ކުދިކުދި ހެލުންތަކާ ގުޅިފައިވާ ކަމެއްކަމަށް މި އެކުވެނި ހިންގާ ޓޯކިޔޯ އިލެކްޓްރިކް ޕަވަރ ކުންފުނިން ލަފާކުރެއެވެ.
ޖަޕާނުގެ ރިއެކްޓަރ ތަކުގެ ގޮވުންތަކާބެހޭގޮތުން އިންޓަރނޭޝަނަލް އެޓަމިކް އނަރޖީ އެޖެންސީން ބުނަނީ ނިއުކްލިޔަރ ކާރިޘާއެއް ކުރިމަތިވާވަރުގެ ނުރައްކާތެރި ގޮވުމެއް ޖަޕާނަށް ކުރިމަތިވުމުގެ ފުރްސަތު ވަރަށް ކުޑަކަމުގައެވެ. ނަމަވެސް ޖަޕާން ސަރުކާރުންވަނީ ރޭޑިއޭޝަންގެ އަސަރު އަވަށްޓެރި ޤައުމުތަކަށާއި އޭޝިޔާ ޕެސިފިކް ސަރަޙައްދަށް ފެތުރިދާނެކަމުގެ އިންޒާރު ދީފައެވެ.
ޖަޕާނުގެ އެޤައުމުގެ ނިއުކްލިޔަރ ސްޓޭޝަންތަކަށް މިހާރު ކުރިމަތިވަމުންދާ ސިލްސިލާ މައްސަލަތަކާއި ގޮވުންތަކާ ގުޅިގެން ބޮޑުވަޒީރު ނާވްތޫ ކާންވަނީ މިކަމަށް ޚާއްސަ ކްރައިސިސް ސެލްއެއް އުފައްދަވާފައެވެ -- ނޫސްއެޖެންސީތައް