ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިދުވަސްވަރު ކުރަމުންދާ ގަދަ ވިއްސާރައިގައި ގދ. ގައްދުއަށް އުދަ އެރުމުގެ ސަބަބުން ބައެއް އާންމުންގެ ގެދޮރަށާއި ތަކެއްޗަށް ލިބެމުންދާ ގެއްލުންތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ ކަމާބެހޭ މުއައްސަސާތަކާ ބައްދަލުކޮށް، މި ވިއްސާރައާ ގުޅިގެން އާންމު ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކާ ބެހޭ ފުރިހަމަ މައުލޫމާތު އެމަނިކުފާނު ހޯއްދަވަމުން އަންނަ ކަމަށެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް އުދަ އަރަމުންދާ ދުވަސްވަރަކަށް ވުމާއެކު، އެކަމަށް ރައްޔިތުން ސަމާލުވެ، ރައްކާތެރިވެ ތިބުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ގައްދުއަށް އުދައަރާފައި --- ފޮޓޯ/ ކައުންސިލް

"އަދި މި ވިއްސާރައިގައި ގެއްލުން ލިބެމުންދާ ފަރާތްތަކުގެ ހިތާމައިގައި އަޅުގަނޑު ބައިވެރިވާ ވާހަކަވެސް ދެންނެވީމެވެ." ރައީސް ޔާމީންގެ ބަޔާނުގައި ވެއެވެ.

އިއްޔެ މެންދުރުފަހު 2:30 އެހާކަންހާއިރު ގައްދޫ ދެކުނު ފަރާތުން 150 މީޓަރަށް އުދައަރައި އެސަރަހައްދުގެ ހަތަރު ގެއަކަށް ވަނީ ލޮނުވަދެފައެވެ. ނަމަވެސް އެގޭގެއަށް މާކަބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.