ވިހެއުމާ ހަމައަށް ބަނޑުބޮޑުކަން ނޭނގޭ އަންހެނުންގެ ވާހަކަ ހުންނާނީ އަހާފައެވެ. މި ވާހަކަތައް އަޑުއަހާފައި އަންހެނަކަށް އޭނާ ބަނޑުބޮޑުކަން ހަމަ ނޭނގި ހިނގައިދާނެބާއޭ ހިތަށް އަރާނެ އެވެ.

މިއީ ބަނޑުބޮޑުކަން ގަބޫލުކުރަން ބޭނުން ނުވެގެން، ނޫނީ ބަނޑުބޮޑުވަނީ ކިހިނެއްކަން ނޭނގިގެން ވާ ކަމެއް ނޫނެވެ. މިފަދަ އަންހެނުންނަކީ މެޑިކަލް ކޮންޑިޝަނެއް ކަމަށްވާ "ކްރިޕްޓިކް ޕްރެގްނެންސީ" ގެ ޝިކާރައިންނެވެ.

ކޮންމެ 450 މީހުންތެރެއިން އެކަކަށް ޖެހޭ މި ކޮންޑިޝަންގެ ސަބަބުން އަންހެނުންނަށް އެމީހުން ބަނޑުބޮޑުކަން އިނގެނީ ބަނޑަށް 20 ހަފްތާ ނޫނީ އެއަށްވުރެވެސް ގިނަ ދުވަސް ވާ ފަހުންނެވެ.

ކްރިޕްޓިކް ޕްރެގްނެންސީގެ ޝިކާރައަކަށް ވެފައިވާ އަންހެނުންގެ ހަށިގަނޑުން ފެނިގެންދަނީ ބަނޑުބޮޑު ކަމުގެ މަދު ނިޝާނެކެވެ. އަދި ބައެއްފަހަރު އެއްވެސް ނިޝާނެއް ނުފެނިވެސް ހިނގައިދާނެ އެވެ.

ގިނަ އަންހެނުން ކުރާނެ ސުވާލަކީ ޕީރިއަޑް ނުވާއިރު އެވަރުންވެސް ބަނޑުބޮޑުކަން ނޭނގެނީ ހެއްޔެވެ؟ ހަގީގަތަކީ އެކި ސިއްހީ މައްސަލަތަކާ ހުރެ ހުރިހާ އަންހެނުން ބަރާބަރަށް ކޮންމެ މަހަކު ޕީރިއަޑް ނުވާ ކަމެވެ. އަދި ބަނޑުބޮޑު އިރު ކުޑަކޮށް ލޭ އަންނަ ގޮތް ވުމުން ބައެއް އަންހެނުންނަށް އެއީ ޕީރިއަޑް ވަނީ ކަމަށް ހީކުރެވެއެވެ. މީގެ އިތުރުން މެނެޕޯޒްގެ ފުރަތަމަ ސްޓޭޖް ތައް ތަޖުރިބާ ކުރަމުންދާ އަންހެނުން ދެން ބަނޑުބޮޑު ނުވާނެ ކަމަށް ހީކޮށް ތިބެ އެވެ. އަދި މާ ސްޓްރެސް ބޮޑު ވުމުންވެސް ބަނޑުބޮޑުކަން ނަގައި ނުގަނެވިދާނެ އެވެ.

ބަނޑުބޮޑު ވިޔަސް، "ހޯމް ޕްރެގްނެންސީ ކިޓް" ތަކުން ބައެއްފަހަރު މާ އަވަހަށް ޓެސްޓުކޮށްފި ނަމަ ނޫނީ ކިޓުގައި ލިޔެފައިވާ ގޮތާ ހިލާފަށް ކަންތައް ކޮށްފި ނަމަ ނަތީޖާ ނެގަޓިވް ކަމަށް ދައްކަފާނެ އެވެ. މިފަދަ ޓެސްޓުތައް ބައްޓަން ކުރެވިފައިވަނީ ބަނޑުބޮޑުވީމަ ހަށިގަނޑުން އުފައްދައިދޭ "އެޗްސީޖީ" ހޯމޯން ދެނެގަތުމަށެވެ. ނަމަވެސް ބަނޑުބޮޑުވާތާ ދެތިން ހަފްތާ ފަހުން ނޫނީ ހަށިގަނޑުގައި ފާހަގަކުރެވޭ ވަރަށް އެ ހޯމޯނެއް ނުހުންނާނެއެވެ. އަދި ބައެއް ފަހަރަށް ޓެސްޓުކުރުމުގެ ދެތިން މިނިޓު ފަހުން ނެގަޓިވް ކަމަށް ދެއްކިޔަސް 15 ވަރަކަށް މިނިޓު ފަހުން ޕޮޒިޓިވް ކަމަށް ދައްކަފާނެ އެވެ. ނަމަވެސް އެހާއިރު ޕްރެގްނެންސީ ކިޓު އޮންނަނީ ޑަސްބިން ތެރޭގަ އެވެ.

ބަނޑުބޮޑުވާތާ ގިނަ ދުވަސް ފަހުން އެކަން އިނގެނީ އާންމުކޮށް ހަށިގަނޑު ފަލަކޮށް ތިބޭ މީހުންނަށެވެ. ކުރިންވެސް ހަށިގަނޑު ފަލަކޮށް ހުންނަ ނަމަ ބަނޑުބޮޑު ވުމުން ބަރުވާ ދެތިން ކިލޯއަކުން މާ ބޮޑު ތަފާތެއް ނުފެނިދާނެ އެވެ. އަދި ބައެއް މީހުންގެ ބަނޑު ބޮޑުވުމާ ގުޅިގެން ބަނޑު ވައްވެ ބޭރަށް ނިކުތަސް ހުރިހާ އަންހެނުންގެ ބަނޑަށް މިފަދަ ބަދަލެއް ވެސް ނާދެއެވެ.

ތަފާސް ހިސާބު ތަކުން ދައްކާގޮތުގައި ކޮންމެ 2،500 އަންހެނުން ތެރެއިން އެކަކަށް ވިހެއުމުގެ ކުރިން ބަނޑުބޮޑުކަމެއް ނޭނގެ އެވެ.

މީގެ އެއް މިސާލަކީ އިނގިރޭސިވިލާތުގެ ސިފައިންގެ މީހެއް ކަމުގައިވާ ލިނެޓް ޕިއާރސް އެވެ. ބަނޑުބޮޑުވެދާނެ ކަމަށް އެއްވެސް ވަރަކަށް ޝައްކު ނުކުރާ ލިނެޓް ވިހެއީ ސެޕްޓެމްބާރ 2012 ވަނަ އަހަރު އަފްގާނިސްތާނުގައި ކުރި ހަނގުރާމައިގެ ތެރޭގައި ހަމަލާ ބަދަލުކުރަން ހުއްޓައެވެ.

އަދި ހަމަ އެ މަހު 26 އަހަރުގެ ކޭލީ ސްޓްރޭކާ "ނެޝިނަލް ހެލްތު ސާވިސް" އަށް ގުޅީ ވަރަށް ގަދަޔަށް ބަނޑުގައި ރިއްސާތީއެވެ. އޭނާ އާއި ވާހަކަ ދެއްކި ނަރުސް ބުނީ އޭނާ މާބޮޑަށް ބަނޑު ހަރުވީ ކަމަށާއި ޕްރޫން ޖޫސް ބުއިމަށެވެ. އޭގެ ދެތިން ގަޑިއިރުފަހުން ކޭލީ ހޮސްޕިޓަލަށް ގޮސް ފިރިހެން ކުއްޖަކު ވިހި އެވެ. އޭނާ ބުނިގޮތުގައި ބަނޑުބޮޑު ދުވަސްކޮޅު އޭނާ ބަރާބަރަށް ޕީރިއަޑް ވިއެވެ. އަދި ބަނޑެއްވެސް ނުލައެވެ.

2013 ވަނަ އަހަރުގެ އޮކްޓޫބާރ މަހުގެ ތެރޭގައި 22 އަހަރުގެ ނާދިއާ ވޮޓްސަން އަށް ހޭލެވުނީ ވަރަށް ގަދަޔަށް ބަނޑުގައި ރިއްސާތީއެވެ. އޭނާ ހީކުރި ޕީރިއަޑް ވާތީ ރިއްސާ ރިއްސުމެއް ކަމަށެވެ. ފާހަނާއަށް ވަންތަނާ އޭނާ ވެއްޓުނެވެ. އަދި ވިހި އެވެ. އޭނާގެ ހަޅޭކުގެ އަޑަށް އަވައްޓެރިންތަކެއް ފުލުހުންނަށް ގުޅިއެވެ. މި ހުރިހާ ކަމެއްގެ ތެރޭގައި އޭނާގެ ލޯބިވެރިޔާ ޖެހިގެން ހުރި ކޮޓަރީގައި ގަދަ ނިދީގައި އޮތެވެ. ނާދިއާ ބުނިގޮތުގައި އޭނާ ބަނޑުބޮޑު ދުވަސްވަރު ހަށިގަނޑަށް މާބޮޑު ބަދަލުތަކެއް ނާދެއެވެ. އަދި ބައެއްފަހަރު ބުރަކަށީގައި ރިއްސި ނަމަވެސް ބަރާބަރަށް ކޮންމެ މަހަކު ޕީރިއަޑް ވި ކަމަށެވެ.

އަންހެނަކަށް އޭނާ ބަނޑުބޮޑުކަން ނޭންގި ހިންގައިދާނެ އިތުރު ސަބަބު ތަކުގެ ތެރޭގައި އުރަމައްޗަށް ތަދުވުމާއި ބަނޑު ހަރުވުން ފަދަ ބަނޑުބޮޑުކަމުގެ ކުދިކުދި ނިޝާންތައް ނަގައި ނުގަނެވުން ހިމެނެ އެވެ. ހަށިގަނޑަށް މާ ބޮޑު ބަދަލެއް ނައިސް ބަރާބަރަށް ޕީރިއަޑްވާނަމަ ބަނޑުބޮޑުކަން ނަގައިނުގަނެވިދާނެ އެވެ.

ދަރިފުޅު ބަނޑު ތެރޭގައި ހަރަކާތްކުރާކަމުގެ އިހުސާސް ނުކުރެވުން މިއީ ވެސް ބަނޑުބޮޑުކަން ނޭނގިދާނެ ސަބަބެކެވެ. މަސްގަނޑު ރަހިމުގެ ކުރީގައި ހުރި ކަމުގައިވާނަމަ ދަރިފުޅު ބަނޑުތެރޭ ހަރަކާތް ކުރާކަމުގެ އިހުސާސް ނުކުރެވިދާނެ އެވެ.

މީގެ އިތުރުން ސިއްހީ މައްސަލައެއްގެ ސަބަބުން ނޫނީ އެތައް އަހަރެއް ވަންދެން ދަރިއަކު ހޯދަން މަސައްކަތް ކޮށް ނާކާމިޔާބު ވުމުގެ ސަބަބުން ދަރިއެއް ނުލިބޭނެ ކަމަށް ގަބޫލުކޮށްގެން ތިބޭ އަންހެނުން ބަނޑުތެރޭ ދަރިފުޅު ހަރަކާތް ކުރިއަސް ވައި އަރަނީ ކަމަށް ހީކޮށް އަޅައިނުލާ ތިބެދާނެ އެވެ.

ބަނޑުބޮޑުކަމުގެ ބައެއް ނިޝާންތައް ފެންނަ ނަމަ ނޫނީ ސިއްހަތު ރަނގަޅު ނޫންހެން ހީވާ ނަމަ ޑޮކްޓަރަށް ދެއްކުން ވަރަށް މުހިންމެވެ. ބަނޑުބޮޑު އަންހެނެއް ނަމަ ސިނގިރެޓްބުއިން ފަދަ އާދަ ތަކުން ދުރުވެ ރަނގަޅަށް ކައި ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ.