01 Sep 2015, 12:16
ކޮމަންވެތުލް ގޭމްސް ފެޑްރޭޝަން (ސީޖީއެފް) ގެ ސްޕޯޓްސް ކޮމިޓީގެ އޭޝިއާ ތަމްސީލް ކުރާ މެންބަރުކަމަށް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަޙްމަދު މަރުޒޫގު (މަރޭ) ހޮވިއްޖެ އެވެ.
މަރޭ އެމަގާމަށް ހޮވުނީ އޭޝިއާ އިން އެމަގާމަށް ކުރިމަތި ލެއްވި އަނެއް ކެނޑިޑޭޓް ކަމަށްވާ އިންޑިއާގެ އޮލިމްޕިކް އެސޯސިއޭޝަންގެ ރައީސްކަމާއި ވޯލްޑް ސްކޯޝް ފެޑްރޭޝަންގެ ރައީސް ކަންވެސް ކުރަމުންގެންދާ ނަރަޔާނާ ރަމަޗަންދަރަން ނަން އަނބުރާ ގެންދެވުމުންނެވެ.
ރަމަޗަންދަރަން އޭނާގެ ނަން އަނބުރާ ގެންދެވީ ގިނަ ގައުމުތަކުގެ އެދުމުގެ މަތިންނެވެ.
ސީޖީއެފްގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށް ނިއުޒިލެންޑްގެ އާކްލޭންޑްގައި ހުންނެވި މަރޭ މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާ ވަޑައިގެންނެވީ ވޯޓަކުން ކާމިޔާބު ކުރެއްވުމަށް ކަމަށެވެ. ނަމަވެސް ގައުމުތަކުން އެދިގެން ރަމަންޗަންދަރަން ނަން އަނބުރާ ގެންދެވުމުން އޭނާއަށް މަގާމު ލިބުނީ ކަމަށް މަރޭ ވިދާޅުވިއެވެ.
މަރޭ ވިދާޅުވީ އޭނާ ސްޕޯޓްސް ކޮމިޓީގެ މެންބަރުކަމަށް އައްޔަން ކުރުމަށް ކޮމަންވެލްތު ގައުމުތަކުން ނިންމީ ރާއްޖެއިން އޮލިމްޕިކްސްގައި ކުރަމުންގެންދާ މަސައްކަތް ފާހަގަކުރުމަށްފަހު ކަމަށެވެ.
މިދިޔަ މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން ކާމިޔާބީތަކެއް ހޯދުމަކީ ސީޖީއެފް ސްޕޯޓްސް ކޮމިޓީގެ މެމްބަރުކަން އޭނާއަށް ލިބުމަށް ލިބުނު ފުރުސަތެއް ކަމަށް ވެސް މަރޭ ވިދާޅުވިއެވެ.
"2012 ވަނަ އަހަރުން ފެށިގެން ސީޖީއެފްގެ ބައެއް މެންބަރުން އަޅުގަނޑު ގާތު ބުނަމުން ގެންދިޔައީ އޭޝިއާ ތަމްސީލް ކުރުމަށް ރާއްޖެއިން މަރުޒޫގު ވަޑައިގަންނަވާށޭ. އޭޝިއާގެ ސިންގަޕޫރައި ޕަކިސްތާން އަދި ބަނގުލަދޭޝް އިންވެސް ބުނަމުންދިޔަ އަޅުގަނޑު ސްޕޯޓްސް ކޮމިޓީއަށް ވަޑައިގަތުމަށް،" މަރުޒޫގު ވިދާޅުވިއެވެ.
ސްޕޯޓްސް ކޮމިޓީގެ އޭޝިއާގެ މެންބަރުކަން މީގެ ކުރިން ފުރުއްވަމުން ގެންދެވީ ސިންގަޕޫރުގެ ނެޝަނަލް އޮލިމްޕިކް ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް ކްރިސް ޗަންއެވެ.