މ. އަތޮޅު ކައުންސިލްގެ އިދާރާ އާއި އަތޮޅުގެ އާއި ރަށު އޮފީސްތަކުގެ އިތުރުން އެތަންތަނުގައިވާ ހަރު މުދާތައް ފުލުސް އޮފީހުގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފިނޭންސް މިނިސްޓްރީން އަންގައިފައި ވާތީ، އެތަކެއްޗާ ހަވާލުވުމަށް ފުލުހުން މިއަދު އަތޮޅު ކައުންސިލްގެ އިދާރާއަށް ދިއުމުން، ކައުންސިލުން އެކަމާ ދެކޮޅު ހަދައިފި އެވެ.

މ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ސުލެއިމާން މިއަދު ވިދާޅުވީ، ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ފުލުސް އޮފީހަށާއި ކައުންސިލަށް ފޮނުވައިފައިވާ ސިޓީއެއްގައި ބުނަނީ، އަތޮޅު އޮފީހާއި އަތޮޅުގެ އާއި އަދި ރަށު އޮފީހުގައި ހުރި ހަރުމުދަލުގެ ތެރޭގައި ހިމެނޭ ހުރިހާ އުޅަނދުފަހަރުތައް ވަކި ފަރާތަކާ ހަވާލުކުރަންދެން އެތަކެތި ހުންނާނީ ގައުމީ އިދާރާގެ ހަވާލުގައި ކަމަށެވެ. އަދި ހުރިހާ އިމާރާތްތަކާ "އެނޫންތަކެތި" ހުންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އެ ސިޓީގައި ބުނެފައިވާ ކަމަށް ސުލައިމާން ވިދާޅުވި އެވެ.

އަދި އެ ސިޓީއާ ގުޅޭ ގޮތުން ކައުންސިލްގެ ބަހެއް ހޯދުމަށް މިއަދު ދެ ފުލުހަކު އާދައިގެ ހެދުމުގައި އެ އޮފީހަށް ދިޔުމުން، ފިނޭންސްގެ ސިޓީގައި ޤާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށާއި ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އެ ސިޓީގައި ބުނާ ތަކެތި ހަވާނުކުރާނެކަން ކައުންސިލުން ފުލުހުންނަށް އަންގައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެންނެވި އެ ސިޓީގައި އެބުނާ އެހެނިހެން ތަކެއްޗަކީ ކޮބައިކަމެއް ނޭނގެއޭ. އެތަންތަނަކީ ކޮބައިކަމެއް ނޭނގެއޭ. އަޅުގަނޑުމެން ތަފްސީލު ބޭނުންވެއޭ ބުނިން. ދެން އަނެއް ކަމަކަށް ސިޓީގައި އެހެން ވިދާޅުވިޔަސް ކުރީގެ އަތޮޅު އޮފީސްތަކާއި ރަށު އޮފީސްތަކުގައި ހުރި ތަކެއްޗާއި އިމާރާތްތަކަކީ ޤާނޫނީގޮތުން އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ހުރި ތަންތަންކަމުގައި އޭ ދެކެނީ ބުނިން. އެހެންވީމަ އަޅުގަނޑުމެން އެތަންތައް ދޫކުރާނީ ކޯޓަކުން ނިންމީމައޭ، އޭގެ ކުރިން ދޫނުކުރާނަމޭ. އެހެން ބުނީމަ ފުލުހުން ހިނގައްޖެ،" ސުލައިމާން ވިދާޅުވި އެވެ.

ފިނޭންސުން ފޮނު ސިޓީގައި ބުނަނީ، އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި ސިޓީ ކައުންސިލްގެ އިދާރާތައް އުފެއްދިއިރު އެ ތަންތަނުގައި ހުރި އިމާރާތްތަކާއި ހަރުމުދަލާއި އުޅަނދުފަހަރުތަކަކީ ގާނޫނު އަސާސީގެ 10 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުން ދައުލަތުގެ ތަކެތި ކަމަށެވެ. އަދި މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ވަކި ފަރާތަކާ ހަވާލުކުރުމަށް އަންގަންދެން އެ ތަކެތި ހުންނާނީ ގައުމީ އިދާރާގެ ހަވާލުގައި ކަމަށާއި ހުރިހާ އިމާރާތްތަކާއި އެ ނޫންތަކެތި ހުންނާނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

މ. އަތޮޅު ކައުންސިލުން މިއަދު އިތުރަށް ބުނީ، އަތޮޅު އޮފީހާއި ރަށު އޮފީހުގެ ނަމުގައި ހުރި އެކައުންޓުތައް ކައުންސިލް އިދާރާތަކުގެ ނަމަށް ބަދަލުކުރުމަށް ކުއްލިއަކަށް މިއަދު އެ އެކައުންޓުތައް ބަންދުކުރުވައިފައިވާ ކަމަށެވެ.

އަދި އެގޮތަށް އަމަލުކުރާނެކަން އަންގައި ލޯކަލް ގަވާމަންޓް އޮތޯރިޓީން ސިޓީ ފޮނުވައިފައި ވަނީ އިއްޔެގެ ތާރީޚު ޖެހުމަށްފަހު މިއަދު ކަމަށާއި އެ ސިޓީގައިވާ ގޮތުން އެކައުންޓުތައް ބަންދުކުރުމަށް ހަމަޖެހިފައި އޮތީ މިމަހުގެ 10 ވަނަ ދުވަހު ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

"އެކަމަކު 10 ވަނަ ދުވަހު ބަންދުނުކޮށް ކުއްލިއަކަށް މިއަދު މި އެކައުންޓުތައް ބަންދުކުރީ."

އޭނާ ވިދާޅުވީ، މިއަދު ލިބުނު އެ ސިޓީގައިވާ ގޮތުން އެކައުންޓްތައް ބަދަލުކުރުމަށް ފަސް ދުވަހުގެ މުހުލަތެއް ނަގާނެ ކަމަށާއި އެކަމުގެ ސަބަބުން ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. އެހެންކަމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ކައުންސިލުން ވަނީ މިއަދު ގަރާރެއް ނެރެފަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.