ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އައިޝްވާރިއާ ރާއި ގިނަ ދުވަސްތަކެއް ވަންދެން ފިލްމީ ދާއިރާއާ ދުރުގައި ހުރުމަށްފަހި އެނބުރި އައިސް އެންމެ ފުރަތަމަ ކުޅުމަށް ނިންމާފައިވާ ފިލްމަށް އަރަބި ބަސް ދަސްކުރަން ފަށައިފި އެވެ.

ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ފުރަތަމަ ކުޅުމަށް ތައްޔާރު ވަމުންދަނީ މަޝްހޫރު ޑައިރެކްޓަރ ސަންޖޭ ގުޕްތާގެ 'ޖަޒްބާ' އެވެ.

އެފިލްމަށް އަރަބި ބަސް ދަސްކުރަނީ ބޮލީވުޑްގެ ފިލްމުތަކަކީ އަރަބި ގައުމުތަކުގައި މަޝްހޫރު ފިލްމުތަކެއް ކަމުގައި ގަބޫލުކުރެވޭތީ ކަމަށް އައިޝްވާރިއާ ވަނީ ބުނެފަ އެވެ.

ފިލްމް 'ޖަޒްބާ'ގެ ޑައިރެކްޓަރު ބުނެފައި ވަނީ އެފިލްމަށް އަރަބި ބަހުން އަޑު އަޅާނެ ކަމަށާއި އެއީ ބޮލީވުޑްގެ ފިލްމަކަށް އަރަބި ބަހުން އަޑު އަޅާ ފުރަތަމަ ފިލްމަށް ވާނެ ކަމަށެވެ.

"މިއީ ބޮލީވުޑަށް ތާއީދުކުރާ އަރަބިންނަށް ކޮށްދޭ ކަމެއް، އޭގެ އިތުރުން ފިލްމުގެ ޕްރޮމޯޝަންތައް އަރަބި ބަހުން ޗެނަލް ޒީ އަރަބިއާއިން ގެނެސްދޭނެ،" ސަންޖޭ ގުޕްތާ ބުނެފައިވެ އެވެ.

ބައެއް ފިލްމުތަކުގައި އެހެން ބަސްތަކުން އަޑު އަޅާއިރު ތަރި ނޫން އެހެންމީހުންގެ އަޑު އަޅާފައި ހުރި ނަމަވެސް މި ފިލުމުގައި އައިޝްވާރިއާގެ އަޑުން އަރަބިބަސް އަޅަނީ އެހެން މީހެއްގެ އަޑު އެޅުމުން އޭނާގެ ހުށަހެޅުމަށް އުނިކަމެއް އަތުވެދާނެތީކަމަށް އައިޝްވާރިއާ ބުނެފައިވެ އެވެ.

ފިލްމަށް އަރަބި ބަހުން އަޑު އެޅުމުގެ އިތުރުން އަރަބި ބަހުން ލަވައެއް ވެސް އެކުލެވޭނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު ވަނީ ބުނެފަ އެވެ.