ތައުލީމީ އާ ހޯދުންތަކާއި ތަފާތު ތަޖުރިބާތައް ހިއްސާކުރުމުގެ ގޮތުން ބާއްވާ ތިން ވަނަ ބައިނަލްއަގުވާމީ ޓީޗަރުންގެ ކޮންފަރެންސް ފަށައިފި އެވެ.

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ކުރިއަށް ދިޔުމަށް ހަމަޖެހިފައިވާ އެ ކޮންފަރެންސް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ބަންޑާރަ ނައިބު މުހައްމަދު އަނިލް އެވެ.

މިއަދާއި މާދަމާ ކުރިއަށް ގެންދާ އެ ކޮންފަރެންސް ކުރިއަށް ގެންދާނީ "ޓެކްނޮލޮޖީ އިނޭބަލްޑް ލާނިން އެންވަޔަރަމެންޓް" ތީމަކަށް ބަލައިގެންނެވެ. އެގޮތުން އެ ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި ބަލާލާނީ 21 ވަނަ ގަރުނުގައި ކިޔަވައިދިނުމުގެ ކަންތައްތައް ބައްޓަން ކުރާނެ ގޮތާއި ޓެކްނޮލޮޖީގެ ވިސްނުން ބޭނުން ކޮށްގެން ކިޔަވައިދިނުމުގެ ވިސްނުން ކުރިއެރުވިދާނެ ގޮތްތަކުގެ މައްޗަށެވެ.

މިއަދު ގައުމީ ޔުނިވާސިޓީގައި ފެށި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އާއި މެލޭޝިޔާގެ ޔުނިވާސިޓީއަކާ ގުޅިގެން ކުރިއަށް ގެންދާ އެ ކޮންފަރެންސްގައި ބޭރުގެ އެކި ގައުމުތަކުން 30 ފަރާތެއް ބައިވެރިވެ ކަރުދާސް ހުށަހަޅާނެ އެވެ. އެގޮތުން އެ ކޮންފަރެންސްގައި އިންޑިއާ އާއި ބޫޓާން އާއި ޔުނައިޓެޑް ކިންގްޑަމް އާއި ނެޕާލް އާއި ޕާކިސްތާނާއި އޮމާންގެ އިތުރުން މޮރީޝަސްގެ ފަރާތްތަކުން ބައިވެރިވެފައިވެ އެވެ.

ރާއްޖޭގެ އެކި ފަރާތްތަކުން ވެސް އެ ކޮންފަރެންސްގައި މައުލޫގެ ދަށުން ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ އިރު ތައުލީމީ ދާއިރާ އިން ޖުމްލަ 200 ފަރާތެއް އެ ކޮންފަރެންސްގައި ބައިވެރިވެފައިވެ އެވެ.

ސަރުކާރުގެ ސިޔާސަތު ކަމަށްވާ އެންމެ ކުއްޖަކު ވެސް ބާކީ ނުކޮށް ތައުލީމާއި ތަމްރީނު ދަރިވަރުންނަށް ހޯދައިދިނުމަށް ކުރާނެ ކަންތައްތަކުގެ މައްޗަށް ވެސް މިއަދު ފެށުނު ކޮންފަރެންސް އަލިއަޅުވާލާނެ އެވެ.

މިއަދު ގައުމީ ޔުނިވާސިޓީގައި ފެށި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު

ކޮންފަރެންސް ރަސްމީކޮށް ފެށުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަނިލް ވިދާޅުވީ އެފަދަ ކޮންފަރެންސެއްގެ ސަބަބުން ތައުލީމީ ނިޒާމު އިތުރަށް ވަރުގަދަ ކުރުމަށް ޓަކައި އާ ގޮތްތަކެއް ދަސްވެގެން ދާނެ ކަމަށެވެ.

ކޮންފަރެންސްގެ ސަބަބުން ޓެކްނޮލޮޖީގެ ޒަރިއްޔާއިން ދަރިވަރުންގެ ހުނަރު އިތުރު ކުރުމަށްޓަކައި ކުރާނެ އާ ކަންތައްތައް ޓީޗަރުންނަށް ދަސްވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.