01 Sep 2015, 10:23
ތައިލެންޑުގެ ކަނޑުގެ ސިފައިން އިންސާނިއްޔަތާ ހިލާފު އަމަލުތަކެއް ހިންގި ކަމަށް ރިޕޯޓު ކުރިކަމުގެ ތުހުމަތުގައި ފުކެޓްވާން ވެބްސައިޓުގެ ދެ ނޫސްވެރިއެއްގެ މައްޗަށް އުފުލި ދައުވާ ސާބިތެއް ނުވި އެވެ.
ތައިލެންޑްގެ ކަނޑުގެ ސިފައިން ތަމްރީނު ކުރުމަށް ކަމަށް ބުނެ އިންސާނިއްޔަތާ ހިލާފު އަމަލުތަކެއް ހިންގާ ކަމަށް ރިޕޯޓު ކުރި ދެ ނޫސްވެރިންނަކީ ފުކެޓްވާން ނޫހުގެ އެެލެން މޮރިސަން އާއި ޗުތިމާ ސިދާތާސިއަން އެެވެ.
އެދެ ނޫސްވެރިން 2013 ވަނަ އަހަރު ރިޕޯޓު ކުރި ބައެއް ހަބަރުތަކުގައި ބުނެފައި ވަނީ ތައިލެންޑްގެ ކަނޑުގެ ސިފައިން ހިންގާ ލާއިންސާނީ އަމަލުތަކުގެ ތެރޭގައި ފިރިހެނުން އެއްވެސް ނިވާކަމެއް ނެތި ގިނައިރުތަކެއް އަވީގައި ގޮނޑުދޮށުގައި ބޭއްވުން ހިމެނެ އެވެ. އަދި ބައެއް ފަހަރަށް ޖަޒީރާ ރަށެއް ނުފެންނަ ހަމައަށް ކަނޑުމައްޗަށް ގިނަބަޔަކު އިންޖީނު ނެތް އުނޅަނދު ތަކުގައި ދޫކޮށްލާއިރު ކާނެ އެއްވެސް އެއްޗެއް ނުދޭ ކަމަށާއި އަދި އޭގެތެރެއިން ބައެއް މީހުން ގޮނޑުދޮށަށް ލައްގާއިރު މަރުވެފައި ތިބޭ ކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ.
ފުކެޓްވާން ނޫހުގެ ދެ ނޫސްވެރިންގެ މައްޗަށް ތައިލެންޑްގެ ކަނޑުގެ ސިފައިން ދައުވާ އުފުލާފައި ވަނީ ތައިލެންޑްގެ ކޮމްޕިއިޓާ ކްރައިމް ގާނޫނުގެ ދަށުން ގައުމީ ސަލާމަތަށް ނުރައްކާވާގޮތަށް އޮންލައިން ރިޕޯޓުތަކެއް ޕަބްލިޝް ކުރި ކަމަށް ބުނެ އެވެ.
އެދެ ނޫސްވެރިންގެ މައްޗަށް ވެސް އެ ދައުވާ ސާބިތު ނުވާކަމަށް ތައިލެންޑް ކޯޓުން އިއްޔެ ނިންމާފައިވާއިރު އެ ނޫސްވެރިން އާންމުކުރި ރިޕޯޓުތަކާއި ބެހޭ ގޮތުން އެގައުމުގެ ސަރުކާރުން ވަނީ ތަހުގީގެއް ފަށާފަ އެވެ. އަދި އެއަމަލުތަކަކީ ތައިލެންޑްގެ ކަނޑުގެ ސިފައިން ހިންގާފައިވާ އަމަލުތަކެއް ނަމަ އޭގެ އަދަބު ބައިވެރިވި ކޮންމެ މީހަކަށްވެސް ދޭނެ ކަމަށް ތައިލެންޑް ސަރުކާރުން ވަނީ ބުނެފަ އެވެ. އެމައްސަލައާއި ގުޅިގެން ކަނޑުގެ ސިފައިންގެ އިސް އޮފިޝަލަކު ހައްޔަރުވެސް ކޮށްފައިވެ އެވެ.
އިންސާނިއްތާ ހިލާފު އަމަލުތަކެއް ހިންގި ކަމަށް ރިޕޯޓު ކުރި ނޫސްވެރިންގެ އިތުރުން ފުކަތްވާން ނޫހާ ދެކޮޅަށްވެސް ތައިލެންޑްގެ ކަނޑުގެ ސިފައިން ވަނީ ދައުވާ އުފުލާފަ އެވެ. ހިޖުރަކުރި ރޮހިންގްޔާ މީހުންނާ ބެހޭގޮތުން ރޮއިޓާސް ނޫހުގައި އާންމުކުރި އާންމުކުރި ރިޕޯޓެއްގެ ބައެއް ހިމަނައިގެން ފުކަތްވާން ނޫހުގައި އާންމު ކުރި ރިޕޯޓަކާއި ދެކޮޅަށް ދައުވާ އުފުލާފައިވާއިރު ރޮއިޓާސްގެ މައްޗަށް އެދައުވާ އުފުލާފައި ނުވާތީ ގާނޫނީ ޓީމުން ވަނީ ސުވާލުވެސް އުފައްދާފަ އެވެ.
ފުކަޓްވާން ނޫހުގެ ދެ ނޫސްވެރިންގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ނިންމުމާ ގުޅިގެން އޭޝިއާ ސަރަހައްދުގެ ހިއުމަން ރައިޓްސް ޑިވިޝަންގެ ޑެޕިއުޓީ ޑިރެކްޓާ ފިލް ރޮބަޓްސަން ވިދާޅުވީ އެއީ މީޑިއާގެ މިނިވަން ކަމަށް ލިބިނު ވަރަށް ބޮޑު ކުރި އެރުމެއް ކަމަށެވެ.
Big victory for independent & free media in#Thailand! Brave#Phuketwanjournalists deserve kudos for their strugglepic.twitter.com/XBzWaKJJD2
— Phil Robertson (@Reaproy)September 1, 2015