01 Sep 2015, 09:36
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުގައްޔޫމާއި ނައިބު ރައީސް އަހުމަދު އަދީބަށް އިންޒާރުދޭ ވީޑިއޯ ޔޫޓިއުބުން ނަގައިފި އެވެ.
އެ ވީޑިއޯ ޔޫޓިއުބުން ނެގީ، އެ ވީޑިއޯ ޔޫޓިއުބަށްލީތާ 24 ގަޑި އިރު ވެސް ނުވަނީހެވެ.
ބަޑިހިފައިގެން މޫނު ނިވާކޮށްގެން ތިބެ ދިވެހި ސަރުކާރަށް ވަރުގަދަ އިންޒާރުދޭ ވީޑިއޯ ޔޫޓިއުބުން ނަގާފައި ވަނީ ޔޫޓިއުބުގެ މިންގަނޑަށް ނުފެތީ ކަމަށް ޔޫޓިއުބުން ވަނީ ބުނެފަ އެވެ. ރުޅިވެރިކަމާއި ނަފުރަތު އުފައްދައި ބިރުދެއްކުމާއި އިންޒާރު ދިނުން ފަދަ ކަންކަން ހިމެނޭ ވީޑިއޯތައް، ބަޔަކު ޝަކުވާ ކޮށްފި ނަމަ ޔޫޓިއުބުން ނަގަ އެވެ.
ހޯމަ ދުވަހު ޔޫޓިއުބަށް އަޕްލޯޑް ކޮށްފައިވާ ވީޑިއޯ އިން ފެންނަނީ މޫނު ނިވާކޮށްގެން ތިބި ތިން މީހަކު ބަޑިހިފައިގެން ތިއްބެ، ދިވެހި ބަހުން އިންޒާރު ދޭ ތަނެވެ.
ފުލުހުން ބުނީ ބަޔަކު ރައީސް އާއި ނާއިބު ރައީސް އަށް އިންޒާރުދިން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.