ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގދ. ގައްދުއަށް އުދައަރައި ރަށުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ގޯތި ގެދޮރަށާއި މުދަލަށް ލިބޭ ގެއްލުންތަކުން ސަލާމަތް ކުރުމަށް ގައްދޫގައި މަސައްކަތްކުރާ ފުލުހުން ރައްޔިތުންނާ އެކު ނުކުމެއްޖެ އެވެ.

ގައްދޫއަށް އުދައަރާފައި --- ފޮޓޯ/ ކައުންސިލް

އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ގައްދުއަށް ރާޅުއެރުމުގެ ސަބަބުން ރަށުގެ ބައެއް ސަރަހައްދުތަކުގައި ލޮނުގަނޑު ބޮޑުވެ މީހުން ދިރިއުޅޭ ބައެއް ގޭގެއަށް ލޮނުގަނޑު ވަނަ ނުދިނުމަށް ޓަކައި ރައްޔިތުންނާ އެކު ފުލުހުން ނުކުމެ ވެލިގޯނި ޖަހައިދީ ގޯތި ގެދޮރު ސަލާމަތް ކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ.

ފުލުހުން ބުނީ ގައްދުއަށް އުދަ އެރުމުގެ ސަބަބުން އެކި ސަރަހައްދުތަކަށް އަދި ގޭގެއަށް ލިބުނު ގެއްލުމުގެ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ވެސް ފުލުހުން ވަނީ ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެގޭގޭގެ މީހުންގެ ހާލު އަހުވާލު ދެނެގަތުމުގެ މަސައްކަތް ވެސް ފުލުހުން ކުރިއަށް ގެންދިޔަކަމަށް ފުލުހުން ބުންޏެވެ.

ގައްދޫއަށް އުދަ އަރާފައި --- ފޮޓޯ/ ކައުންސިލް

ގައްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ސުޖާއު ވިދާޅުވީ އިއްޔެ 2:30 ކަންހާއިރު އެރަށު ދެކުނު ފަރާތުން 150 މީޓަރަށް އުދައަރައި އެސަރަހައްދު ހަތަރު ގެއަކަށް ލޮނު ވަދެފައިވާ ކަމަށެވެ. ލޮނުވަން ނަމަވެސް އެގޭގެއަށް މާކަބޮޑު ގެއްލުމެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.