01 Sep 2015, 02:11
މެންޗެސްޓާ ޔުނައިޓަޑްގެ ގޯލް ކީޕަރު ޑެވިޑް ޑެހެއާ ރެއާލްއަށް ބަދަލުވުމުގެ ހުރިހާކަމެއް ނިމުމާގާތަށް ގޮސްފައިވައިރު ރެއާލް މެޑްރިޑްގެ ގޯލް ކީޕަރު ކޭލޯ ނާވަސް މެންޗެސްޓާ ޔުނައިޓަޑަށް ބަދަލުވާނެ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މެޑްރިޑްގައި ނެރޭ ކުޅިވަރު ނޫސް މާސާއިން ބުނެފައިވަނީ ޑެހެއާ ރެއާލްއަށް ބަދަލުވުމުގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި މިހާރު ދެކުލަބުގެ ދެމެދުގައި ދެކެވެނީ ނާވަސް މެންޔޫއަށް ގެންދިއުމުގެ ވާހަކަތައް ކަމަށެވެ.
ކޮސްޓަރީކާގެ ގައުމީ ޓީމްގެ ގޯލްވެސް ބަލަހައްޓަމުންދާ ނާވަސް މެންޔޫއާ ގުޅެނީ ވަކި އެއްބަސްވުމުގެ ދަށުންނެވެ.
ޑެހެއާ ގެންދިއުމަށް މެންޔޫއިން 15 ޔޫރޯ ރެއާލްއަށް ހުށަހަޅާފައިވާ ކަމަށްވެސް މާސާއިން ރިޕޯޓްކޮށްފައިވެއެވެ.
މެންޔޫގެ އޯލްޑް ޓްރެފާޑަށް ނާވަސް ބަދަލުވުމުން އޭނާއަށް މިހާރު ލިބޭ މުސާރައިގެ ދެ ގުނަ ދޭން މެންޔޫއިން ތައްޔާރަށް އޮތްކަމަށްވެސް މާސާއިން ރިޕޯޓްކޮށްފައިވެއެވެ.
އެހެން ވެއްޖެނަމަ މިހާރު ނާވަސްއަށް އަހަރަކު އާމްދަނީގެ ގޮތުގައި ލިބޭ ދެ މިލިއަން ޔޫރޯގެ ބަދަލުގައި ހަތަރު މިލިއަން ޔޫރޯ ލިބިގެންދާނެއެވެ.
އެންމެ ފަހުން ސްޕެނީޝް ލީގްގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗްގައި ނާވަސް ވަނީ މޮޅެތި ސޭވްތަކެއްކޮށް ބެޓިސްއިން ޖެހި ޕެނަލްޓީވެސް ދިފާއުކޮށްފައެވެ.
ޓްރާންސްފާ ޕީރިއަޑް ނިމެން މީހާރު ވަނީ 24 ގަޑިއިރަށްވުރެވެސް ކުޑަވެފައެވެ.