01 Sep 2015, 09:03
އަންނަ އަހަރުގެ އީދުގައި ބޮލީވުޑްގެ ސިނަމާތަކަށް އަންނަން ތައްޔާރުވަމުންދާ، ސުޕަސްޓާ ޝާހުރުކް ޚާންގެ ފިލްމު، "ރައީސް" އާއި ބުލޮކްބަސްޓާ ޚާން، ސަލްމާން ޚާންގެ ފިލްމު، "ސުލްތާން" ވެގެންދާނީ ބޮލީވުޑަށް ލޮޅުމެއް އަރާނެ ވަރުގަދަ ކުރިމަތިލުމަކަށެވެ.
ނަމަވެސް އެކަމަށް ޝާހުގެ ފަރުވާލެއް ނެތެވެ. އެކަމަށް އޭނާ ދިނީ ފޮނި ޖަވާބެކެވެ.
"އެކަމުގައި އެއްވެސް މައްސަލައެއް ނެތް. ފިލްމު ސުލްތާން ވެސް ރިލީޒް ކުރަންވީ. ސުލްތާންގެ ޕްރޮޑަކްޝަން އޮފީހަށް ފެނުނީ އީދުގައި އެ ފިލްމު ނެރެން. އަހަރެމެންގެ ޕްރޮޑަކްޝަން ޓީމުން ނިންމީ 'ރައީސް' ޑިޒައިންކުރީ އީދަށް ކަމަށް. އެހެންވީމަ، އެކަން އެއޮތީ ނިމިފައި. އެކަމުގައި އެއްވެސް ކުރިމަތިލުމެއް ނެތް،" އިންޑިއާގެ ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ޝާހު ބުނެފައިވެ އެވެ.
މިއީ ބޮޑު ރިލީޒަކާއެކު ޝާހުގެ ފިލުމެއް ކުރިމަތިލުމަކަށްދާން ޖެހުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ތިން އަހަރުކުރިން ނުކުތް ލޯބީގެ ފިލްމު، "ޖަބް ތަކް ހޭ ޖާން" ނެރެފައިވަނީ އަޖޭ ދޭވްގަން ގެ "ސަން އޮފް ސަރުދާރު" އާއެކުގައެވެ.
ޝާހްގެ ކުރިއަށް ހުރި ފިލްމު ތަކުގެ ތެރެއިން ބެލުންތެރިން މިހާރު އެންމެ އިންތިޒާރުކުރާ ފިލްމަކީ ފަސް އަހަރަށް ފަހު ކާޖޮލް އާއި ޝާހުރުކްހާން އެކުގައި ފެނިގެންދާ ފިލްމް، ”ދިލްވާލޭ” އެވެ. ޝާހުރުކްޚާންގެ ރެޑްޗިލީ އެންޓަޓެއިންމަންޓާއި ރޯހިތު ޝެޓީ ޕްރޮޑަކްޝަނުން ގުޅިގެން އުފައްދާ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.
އޭގެ ބަދަލުގައި ސަލްމާން އުޅެމުން ދަނީ 1983 ވަނަ އަހަރު ސުބާޝް ގާއީ އުފެއްދި "ހީރޯ" ގެ ރީމޭކް، ފިލްމު "ހީރޯ" ގެ ޕްރޮމޯޝަން މަސައްކަތުގައި އަވަދިނެތި އެވެ. ސަލްމާން ހާން ފިލުމުގެ ދަށުން ސަލްމާނާއި ސުބާޝް ގާއީ ގުޅިގެން ޕްރޮޑިއުސް ކުރާ އަދި ނިކިލް އަދުވާނީ ޑައިރެކްޓްކުރާ އެ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.