މެންޗެސްޓާ ޔުނައިޓަޑާ ރެއާލް މެޑްރިޑާ ދެމެދު ގިނަ ކޯޅުންތަކެއް ހިންގުމަށްފަހު މެންޔޫއިން އެ ޓީމްގެ ގޯލް ކީޕަރު ސްޕެއިންގެ ޑޭވިޑް ޑެހެއާ ރެއާލަށް ދޫކޮށްލަން އެއްބަސްވެއްޖެ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯތްތައް ބުނެފި އެވެ.

ޓްރާންސްފާ ޕީރިއަޑް ފެށުނީއްސުރެ ރެއާލުން ވަނީ ޑެހެއާ ގެނައުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް މެންޔޫއިން އޭރު ރެއާލުން ހުށަހެޅި އަގު ކުޑަކަމަށް ބުނެ ޑެހެއާ ދޫކޮށްލަން ދެކޮޅު ހަދާފައެވެ.

އޭގެ ފެހުން މެންޔޫއުން ވަނީ ރެއާލްގެ ޑިފެންޑާ ސާޖިއޯ ރާމޯސް ހޯދަން މަސައްކަތްކޮށްފަ އެވެ. ރެއާލުން ބުނެފައި ވަނީ ރާމާސް މެންޔޫއަށް ދޫ ނުކުރާނެ ކަމަށާއި އޭނާއަކީ ވިއްކާ ކުޅުންތެރިޔެއް ނޫންކަމަށެވެ.

ސްޕެއިންގެ މަޝްހޫރު ކުޅިވަރު ނޫސްތައް ކަމަށްވާ މާސާ އާއި އޭއެސްއިން ބުނެފައި ވަނީ ރެއާލް އާއި މެންޔޫއާ ދެމެދު ޑެހެއާގެ ޓްރާންސްފާ ވާހަކަތައް ދެކެވިފައިވާ ކަމަށާއި މިރޭ ދަންވަރު ޑެހެއާ ރެއާލް މެޑްރިޑަށް ސޮއި ކުރާނެ ކަމަށެވެ.

މި ސީޒަން ނިމޭއިރު އުމުރުން 24 އަހަރުގެ ޑެހެއާ މެންޔޫއާއެކު ހަދާފައިވާ ފަސް އަހަރު ދުވަހުގެ އެއްބަސްވުން ހަމަވާއިރު އޭނާ ދޫކޮށްލަން މެންޔޫއިން އެއްބަސް ވަނީ 35 މިލިއަން ޔޫރޯއަށެވެ.

މެންޔޫއިން މި ސީޒަންގައި މިހާތަނަށް ޕްރިމިއާ ލީގުގައި ކުޅުނު އެއްވެސް މެޗަކަށް ޑެހެއާ ލިސްޓްގައި ހިމެނާފައެއް ނުވެ އެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ވެސް އެ ޓީމްގެ ގޯލް ބަލަހައްޓާފައި ވަނީ މި ސީޒަގައި އެ ޓީމަށް ގުޅުނު އާޖެންޓީނާގެ ގައުމީ ޓީމްގެ ގޯލް ކީޕަރު ސާޖިއޯ ރޮމޭރޯއެވެ.

މެންޔޫ އާއި ރެއާލްއާ ދެމެދު ދެކެވުނު ވާހަކަތަކުގައި ޑެހެއާގެ އެޖެންޓް ޖޯޛް މެންޑަސް ވެސް ބައިވެރިވި ކަމަށް އޭއެސްއިން ބުނެއެވެ.

ނަމަވެސް ރެއާލަށް ކުރިމަތިވެފައިވާ މައްސަލައަކީ އެ ޓީމްގެ މިހާރުގެ އެއް ނަންބަރު ކީޕަރު ކޮސްޓަރިކާގެ ކޭލޯ ނާވަސްއާ މެދު ވަކިގޮތެއް ނިމިފައި ނުވުމެވެ. ބެލެވޭ ގޮތުގައި ޑެހެއާ އެ ޓީމާ ގުޅުމުން ރެއާލުން ނާވަސް ދޫކޮށްލާނެ އެވެ.

މާސާއިން ބުނެފައި ވަނީ ތަފާތު ޓްރާންސްފާގެ އެއްބަސްވުމާއެކު ނާވަސް މެންޔޫއަށް ބަދަލުވުމުގެ ފުރުސަތު ކައިރި ކަމަށެވެ.

އެންމެ ފަހުން ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗްގައި ނާވަސް ވަނީ މޮޅެތި ސޭވްތަކެއްކޮށް ބެޓިސްއިން ޖެހި ޕެނަލްޓީވެސް ދިފާއުކޮށްފަ އެވެ.

ރެއާލުން ވަނީ ޓްރާންސްފާ ޕީރިއަޑްގައި އެ ޓީމްގެ ކުރީގެ ކެޕްޓަން އަދި ގޯލް ކީޕަރު އިކާ ކަސިޔަސް ޕޯޗްގަލްގެ ޕޯޓޯއަށް ވިއްކާލާފަ އެވެ.