31 Aug 2015, 23:33
އަންނަ ރިޔާސީ އިންތިހާބ،ު ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބު ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ކެމްޕެއިންގެ އިސްކޮށް ހަރަކާތްތެރިވާނެ ލީޑަރުން ތައްޔާރުކުރުމުގެ މަހާސިންތާ ހުޅުވައި ދެއްވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދައުވަތު އަރުވައިފި އެވެ.
ރައީސް މައުމޫނަށް އެ ދައުވަތު އެރުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު އަބްދުލް ޣަފޫރެވެ.
އަދީބު އެ ދައުވަތު ރައީސް މައުމޫނަށް އަރުވާފައި ވަނީ ސަރުކާރުގެ ނިންމުންތަކާ މެދު ރައީސް ޔާމީނާއި ރައީސް މައުމޫން ހިޔާލުތަފާތުވެފައިވަނިކޮށެވެ. ބޭރު ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ތަސްދީގު ކުރުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް މައުމޫން، ރައީސް ޔާމީނަށް ދަންނަވާފައި ވަނިކޮށް، އެ އިސްލާހު ވަނީ ތަސްދީގު ކުރައްވާފަ އެވެ. އަދި މައުމޫނަށް ޕީޕީއެމްގެ ރައީސްކަން ގެއްލޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ގޮތެއް ނުނިންމުމުން، އެ މައްސަލަ ވަނީ ޕީޕީއެމްގެ ކައުންސިލަށް ހުށަހަޅާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލާ ދެއްވައި ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކުގެ ފޭސްބުކުގައި މިއަދު ވިދާޅުވެފައި ވަނީ 2018 އަށް ކެމްޕެއިން ލީޑަރުން ތައްޔާރު ކުރުމަށް ރައީސް ޔާމީން ބާއްވާ މަހާސިންތާ ރަސްމީކޮށް ހުޅުވައި ދެއްވުމަށް ދައުވަތު މައުމޫނަށް އަރުވާފައިވާ ކަމަށެވެ.
"ރައީސް މައުމޫނަކީ ރައީސް ޔާމީނުގެ އެކުވެރި ބޭބެއެއް. އަދި ރައީސް ޔާމީނަށާއި އަޅުގަނޑުމެން ހުރިހާ އެންމެންގެ މުޝީރެއް،" ނައިބު ރައީސާއި ހަވާލާދެއްވާ ނިހާނުގެ ފޭސްބުކުގައި ވިދާޅުވެފައިވެ އެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވެފައި ވަނީ މަހާސިންތާއަކީ 2018ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ރައީސް ޔާމީން ފައްޓަވާ މަސައްކަތެއް ކަމަށެވެ. އަދި ވިދާޅުވީ އެ މަހާސިންތާއަކީ ޕީޕީއެމަށް އެއްލައްކަ މެމްބަރުން ހަމަ ކުރުމުގެ މަގުސަދުގައި ބާއްވާ މަހާސިންތާއެއް ކަމަށެވެ.
ތާރީހީ އެ ހަފުލާގައި ޕީޕީއެމް/އެމްޑީއޭގެ ޕާލިމަންޓަރީ ގުރޫޕުގެ މެމްބަރުން ބައިވެރިވެވަޑައިގަތުމަކީ ނައިބު ރައީސް އަދީބުގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް ނައިބު ރައީސާ ހަވާލާ ދެއްވާ ނިހާނުގެ ފޭސްބުކުގައި ވިދާޅުވެފައިވެ އެވެ.
ައަންނަ މަހު ބާއްވާ މަހާސިންތާއަކީ ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން އިސްނަގައިގެން، އެ އޮފީހުން ހުރިހާ ކަމެއް އިންތިޒާމުކޮށްގެން ބާއްވާ މަހާސިންތާ އެކެވެ.
އެ މަހާސިންތާގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން މީހުން ބައިވެރިވާނެ ކަމަށް ރައީސް އޮފީހުގެ ކެމްޕެއިން އޮފީހުން ވަނީ ބުނެފަ އެވެ. އެ އޮފީހުން ބުނީ މަހާސިންތާ ބާއްވާނީ ޖުމްލަ ތިން ބުރަކަށް ބަހާލައިގެން ކަމަށާއި އެގޮތުން ފުރަތަމަ ބުރު އަންނަ މަހުގެ 3 އިން 4 އަދި 5 ވަނަ ދުވަހު ބާއްވާ އިރު، އެ ބުރުގައި ބައިވެރިވާނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް، ހިމެނޭ އަތޮޅުތައް ހިމެނޭ ގޮފިތަކުން، ކޮންމެ ގޮތްޕަކުން މެންބަރެއް ކަމަށެވެ.