ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި ސުނާމީއާ ގުޅިގެން، ވަރަށް ގިނަ ބަޔަކު މަރުވުމާއި އަދި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެކަމުގެ ހިތާމައިގައި، މާދަމާ އިން ފެށިގެން ތިން ދުވަސް ވަންދެން، ދިވެހި ގައުމީ ދިދަ، ބައި ދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހަމަޖައްސަވައިފި އެވެ.

މިކަން މިގޮތަށް މިހަމަޖެއްސެވީ، ޖަޕާނަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ އަދި ރާއްޖޭގެ ތަރައްޤީގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ޤައުމަކަށްވާތީ، ޖަޕާނަށް މިކުރިމަތިވި ބޮޑު ހިތާމައިގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވުމުގެ ރަމްޒެއްގެ ގޮތުން، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް ފެނިވަޑައިގެން، ވަޒީރުންގެ މަޖިލީހުން އެގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުއްވުމާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.