31 Aug 2015, 20:08
ކެއާ ސޮސައިޓީގެ "ކެއާ ޑިވެލޮޕްމަންޓް ސެންޓަރު"ގައި ކިޔަވާ ދިނުމަށް ބޭނުންވާ މުހިންމު ވަސީލަތްތަކެއް ދިރާގުން ހަދިޔާ ކޮށްފި އެވެ.
ކެއާ ސޮސައިޓީގައި މިއަދު ބޭއްވި ހަފުލާއެއްގައި ދިރާގުގެ ފަރާތުން ކެއާ ސޮސައިޓީއަށް އެ ތަކެތި ހަވާލު ކޮށްދެއްވީ ދިރާގުގެ ޗީފް އެގްޒެކެޓިވް އިސްމާއީލް ރަޝީދެވެ. ދިރާގުގެ ފަރާތުން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ކޮމްޕިއުޓާ ސިސްޓަމް އާއި ލެޕްޓޮޕާއި އައިޕެޑް ޓެބްލެޓްސް އާއި މޮނިޓާގެ އިތުރުން، ސްޕީކަރާއި ފްލޭޝް ޑިސްކާއި ޕްރިންޓަރުގެ އިތުރުން އެތަނުގެ ވޮކޭޝަނަލް ކްލާހަށް ބޭނުންވާ ގިނަ ސާމާނުތައް ހިމެނެ އެވެ.
ދިރާގުގެ ފަރާތުން ކެއާ ސޮސައިޓީއަށް ތަކެތި ހަދިޔާ ކުރުމުގެ ހަފްލާގެ ތެރެއިން-- ސަން ފޮޓޯ: އަލީ ނަސީރު
އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ޗީފް އެގްޒެކްޓިވް އިސްމާއިލް ރަޝީދު ވިދާޅުވީ އެފަދަ އެހީތައް ވުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ކެއާ ސޮއިޓީން ފޯރުކޮށްދެމުން ގެންދެނީ ވަރަށް ބޮޑު ހިދުމަތެއް ކަމަށެވެ.
"އަޅުގަނޑުމެން މުޖުތަމައުގެ ޒިންމާއެއް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީވުމަކީ، ތިބޭފުޅުން އިސްނަންގަވައިގެން ކުރައްވަމުން ތިގެންދަވަނީ ވަރަށް ވެސް ވަރަށްވެސް ރަނގަޅު މަސައްކަތެއް،" އިސްމާއިލް ވިދާޅުވި އެވެ.
ދިރާގުން މިހާތަނަށް ވެސް އެފަދަ ގިނަ އެހީތެރިކަމެއް ފޯރުކޮށްދީފައިވާއިރު ކުރިއަށް އޮތްތަނުގައި ވެސް އެފަދަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.
ކެއާ ސޮސައިޓީގެ މަސައްކަތްތައް މެދުކެނޑުމަށްފަހު އަލުން ފަށާއިރު ދިރާގުން ދިން އެހީއަކީ މަސައްކަތް ކުރިއަށް ގެންދިއުމަށް ދިން ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް އެސޮސައިޓީއިން ބުނެއެވެ.
ކެއާ ސޮސައިޓީއަކީ 1998 އަކުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ދިނުމަށް ހިންގާ ޖަމިއްޔާއެކެވެ.