15 Mar 2011, 17:30
ސުޕްރީމް ކޯޓްގެ ދެ ފަނޑިޔާރެއްގެ ފޯން އެލަވަންސާ ގުޅޭ ހިޔާނަތުގެ ތުހުމަތުތަކެއްކޮށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް މީހަކު މައްސަލައެއް ހުށަހަޅައިފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ ސުޕްރީމް ކޯޓްގެ ދެ ފަނޑިޔާރެއްގެ މައްޗަށް ހިޔާނަތުގެ ތުހުމަތުތަކެއް ކޮށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައަކީ ކުރާ ތުހުމަތެއްގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި އަދި ކޮމިޝަނުންގެ ކޮމެޓީން އެ މައްސަލަ ބަލާފައި ނުވާ ކަމަށެވެ.
މައްސަލަ ހުށަހަޅާފައި ވަނީ ކޮން ދެ ފަނޑިޔާރެއްގެ މައްޗަށް ކަމެއް ވެސް އަދި ކޮށްފައިވާ ހިޔާނާތުގެ ތުހުމަތަކީ ކޮބައިކަމެއް ވެސް ލުތުފީ ވިދާޅެއް ނުވެ އެވެ.
ސަންއަށް ކަށަވަރުވެފައިވާ ގޮތުގައި މައްސަލަ ހުށަހަޅާފައި ވަނީ އިންތިގާލީ މަރުހަލާގެ ސުޕްރީމް ކޯޓްގެ އުއްތަމަ ފަނޑިޔާރު އަދި ދާއިމީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރިން ހައިކޯޓުގައި ހުންނެވުމަށް ފަހު ދާއިމީ ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށެވެ.
މި މައްސަލަ އޭސީސީއަށް ހުށަހެޅުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެނެވި ޝަރުއީ ދާއިރާގެ އިސް ބޭފުޅަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް މިއަދު ވިދާޅުވީ އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ ފޯނު އެލަވަންސްގެ ގޮތުގައި އެ ދެ ފަނޑިޔާރުންގެ ބިލަށް ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ބޮޑެތި އަދަދުތައް އެރުމުން އެ ފައިސާ ސުޕްރީމް ކޯޓުން ދައްކާފައިވާތީ ކަމަށެވެ.
އެގޮތުން ވޭތުވެ ދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މި ދެ ބޭފުޅުން ފޯނު އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 17000ރ. އަށް ވުރެ ގިނައިން ރުފިޔާ ނަންގަވާފައިވާ ކަމަށާއި އަދި މިދިޔަ މަހު ފަނޑިޔާރު އަބްދުﷲ ސައީދުގެ ފޯނު އެލަވަންސަށް 25000ރ. ނަންގަވާފައިވާ އިރު އަލީ ހަމީ ހަމީދު 17000ރ. ނަންގަވާފައިވާ ކަމުގެ ހެކި ހުށަހަޅާފައިވާނެ ކަމަށް ވެސް އެބޭފުޅާ ވިދާޅުވި އެވެ.
މީގެ އިތުރުން އަލީ ހަމީދުގެ ކާރުކޮޅު އޭނާގެ ދަރިފުޅު ދުއްވަނިކޮށް އެކްސިޑެންޓްވުމުން އެކަމަށް ޒިންމާވާން ޖެހޭ ފަރާތަކީ ދުއްވި ފަރާތް ކަމަށް ފުލުހުން ބުނެފައި ވަނިކޮށް ސުޕްރީމްކޯޓުން ހަރަދުކޮށްގެން ކާރު ހެދުމަށް ފަހު ދެވަނަ ފަހަރަށް ހަމަ އެކާރު އެކްސިޑެންޓުވެ ފުނޑުމުން ވެސް އުއްތަމަ ފަނޑިޔާރަށް ނާންގަވައި ވަޒީފާ އިން ވަކިކުރާނެ ކަމަށް ސުޕްރީމް ކޯޓްގެ ފައިސާއާ ބެހޭ މުވައްޒަފަކަށް އަލީ ހަމީދު ބިރު ދެއްކެވުމަށް ފަހު ފައިސާ ނަންގަވާފައިވާ ކަމަށް ވެސް އޭސީސީއަށް ހުށަހެޅި މައްސަލައިގައި ހިމެނޭނެ ކަމަށް އެފަރާތުން ކަށަވަރުކޮށް ދެއްވި އެވެ.