ގއ. އަތޮޅުގެ މެޖިސްޓްރޭޓުންނަށް ސެލްފް ޑިފެންސްގެ ތަމްރީން ދީފި އެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް އެކަޑަމީގެ ޑެޕިއުޓީ ހެޑް، އިނިސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ސާމީ ވިދާޅުވީ ގއ. އަތޮޅުގެ ހުރިހާ މެޖިސްޓްރޭޓުންނަށް ސެލްފް ޑިފެންސްގެ ތަމްރީނު ދީފައި ވަނީ އެ ބޭފުޅުންގެ އެދުމުގެ މަތިން ކަމަށެވެ.

ސާމީ ވިދާޅުވީ އެ އަތޮޅު ފިޔަވައި އެހެން އެއްވެސް އަތޮޅަކުން އެފަދަ ޓްރޭނިން އަކަށް އެދިފައިނުވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެދެމުންދާ މެޖިސްޓްރޭޓުންނަށް ޓްރޭނިންގް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެޖިސްޓްރޭޓުންގެ އިތުރުން ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ސެލްފް ޑިފެންސް ތަމްރީނު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިއަދުގެ ނިއުސް ކޮންފަރެންސްގައި ސާމީ ވަނީ ޕޮލިސް އެކަޑަމީން މިއަހަރުގެ މިހާތަނަށް ހިންގާފައިވާ ކޯސްތަކާއި ތަމްރީނުތަކުގެ މައުލޫމާތުގެ އިތުރުން ކުރިއަށް ރޭވިފައިވާ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތަކުގެ މައުލޫމާތު ވެސް ހިއްސާ ކުރައްވައިފައެވެ.

ޕޮލިސް އެކަޑަމީގެ ޑެޕިއުޓީ ހެޑް، އިނިސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ސާމީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ

އެގޮތުން 37 މައި ޓްރޭނިން ޕްރޮގްރާމް ހިންގާފައިވާއިރު 19 ތަމްރީނު ޕްރޮގްރާމެއް ހިންގާފައިވާ ކަމަށް ސާމީ ވިދާޅުވި އެވެ. އަދި މިހާރު ވެސް ހަތް ތަމްރީނު ޕްރޮގްރާމެއް ހިނގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕޮލިސް އެކަޑަމީން މިހާތަނަށް ހިންގާފައިވާ ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތަކުގެ ތެރޭގައި ފިލްޑް ޓްރޭނިން އޮފިސާސް ޕްރޮގްރާމާއި އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް ޓްރޭނިން ޕްރޮގްރާމާއި ޓްރޭނިން އިސްޓްރަކްޓާ ކޯހާއި ސެލްފް ޑިފެންސް ޓްރޭނިން އާއި ޕަބްލިކް އޯޑާ ޓްރޭނިން ޕްރޮގްރާމް ހިމެނެއެވެ.

މީގެއިތުރުން ސްވިމިންގް އެންޑް ވޯޓާ ސޭފްޓީ ޕްރޮގްރާމާއި އަންޑާ ވޯޓާ ޑައިވިން ޕްރޮގްރާމާއި ފިޒިކަލް ފިޓްނަސް ޓްރޭނިން އިންސްޓަރަކްޓާ ކޯހާއި ޖިމް އިންސްޓްރަކްޓަ ޕްރޮގްރާމާއި އިންވެސްޓިގޭޝަން އޮފިސާ ކޯހާއި ފެމެލީ އެންޑް ޗައިލްޑް ސެންޓާޑް އިންވެސްޓިގޭޝަން ކޯހުގެ އިތުރުން ސްޕީޑް ބޯޓު ޑްރައިވިން ކޯސް ހިމެނެ އެވެ.

ސާމީ ވިދާޅުވީ ލެސްލީތަލް ހަތިޔާރު ގެންގުޅުމުގައި ފުލުހުން ފުރިހަމަކުރަންޖެހޭ 75 ޕްރޮގްރާމް ހިންގާފައިވާ ކަމަށެވެ. އެ ޕްރޮގްރާމްތަކުގައި 70 ޕަސެންޓު ފުލުހުންނަށް ތަމްރީނު ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.