31 Aug 2015, 18:18
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ނައިބު ރައީސް އަހުމަދު އަދީބުގެ ފުރާނައަށް ގެއްލުމެއް ދޭނެ ކަމަށް ބުނެ އާންމުކޮށްފައިވާ ވީޑިއޯ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ޔޫޓިއުބަށް އަޕްލޯޑްކޮށްފައިވާ އެ ވީޑިއޯއާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އެ މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.
އެ ވީޑިއޯއިން ފެންނަނީ މޫނު ނިވާކޮށްގެން ތިބި ތިން މީހަކު، ހަތިޔާރާއެކު ތިބެ ވާހަކަ ދައްކާތަނެވެ. އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ނަމުގައި އާންމުކޮށްފައިވާ އެ ވީޑިއޯގައި ދިވެހި ބަހުން ދައްކާ ވާހަކައިގެ ތަރުޖަމާ އިނގިރޭސީ ބަހުން، ސަބްޓައިޓަލްގެ ގޮތުގައި އަރުވަ އެވެ.
ޔޫޓިއުބަށް މިއަދު އަޕްލޯޑް ކޮށްފައިވާ އެ ވީޑިއޯގައި ވަނީ ބައެއް ސިޔާސީ ލީޑަރުންނާއި ދޭތެރޭ ފިޔަވަޅު ނޭޅުމަށް ގޮވާލާފަ އެވެ. އެގޮތުން ހިއުމަން ރައިޓްސް އެންވޯއިގެ މަގާމުގައި ކުރިން ހުންނެވި އިބްރާހީމް މޫސާ ލުތުފީ (ސަންދާން ލުތުފީ) އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކުރަމުންދާ ގޯނާ ހުއްޓާލުމަށް ގޮވާލާފައިވެ އެވެ.
އެހެން ނޫން ނަމަ 30 ދުވަހުގެ ތެރޭގައި ނުރައްކާތެރި ހަމަލާތަކެއް ދޭނެ ކަމަށް އިންޒާރު ދީފައިވެ އެވެ. އޭގެ ތެރޭގައި ރައީސް ޔާމީން އާއި ނައިބް ރައީސް އަދީބަށް ގެއްލުން ދިނުމާއި ރާއްޖޭގެ އިގްތިސާދަށް ގެއްލުން ދޭނެ ކަމަށް ބުނެފައިވެއެވެ.
މީގެ ކުރިން ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އެފަދަ އިންޒާރުތަކެއްދީފަ އެވެ. އެގޮތުން ޝޯންޕޯލްގެ ޝޯއެއް ރާއްޖޭގައި ބާއްވަން އުޅުމުން އެކަން ކޮށްފިނަމަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ހިމެނެ އެވެ. އެއާއެކު ޝޯންޕޯލް ރާއްޖެއައުން ވަނީ ކެންސަލް ކޮށްފައެވެ.