ކުލާލަލަންޕޫރު (އޮގަސްޓް 31): މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ އިސްތިއުފާއަށް ގޮވާލައި އޭނާއާ ދެކޮޅަށް ކުއާލަލަންޕޫރުގައި ކުރަމުން ގެންދާ މުޒާހަރާތަކަކީ ބުރަދަނެއް ހުރި މުޒާހަރާތަކެއް ނޫން ކަމަށާއި އެ މުޒާހަރާތަކާ ދެކޮޅަށް އެތަށް ލައްކަ ބަޔަކު މަގުތަކަށް ނެރެވިދާނެކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މެލޭޝިޔާގެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަޖީބް ރައްޒާގު މިއަދު ވިދާޅުވީ އެ މުޒާހަރާތަކުގެ ބޭނުމަކީ އޭނާގެ އަގުވައްޓާލައި މެލޭޝިޔާގެ ސަރުކާރަކީ ނާގާބިލް އަދި ކޮރަޕްޓް ސަރުކާރެއްކަމުގެ ދޮގު ޕްރޮޕަގެންޑާތައް ފެތުރުންކަމުގައެވެ. ނަޖީބު ވިދާޅުވީ އެކަމުގެ ސަބަބުން އޭނާ މަގާމުން އިސްތިއުފާ ނުދެއްވާނެކަމުގަ އެވެ. އަދި މެލޭޝިޔާއަކީ ޑިމޮކްރެޓިކް ގައުމަކަށްވާއިރު ސަރުކާރާމެދު ހިތްހަމަނުޖެހޭ ކަމެއް އޮތްނަމަ އެކަން ހައްލު ކުރާނީ މަގުތަކަށްނުކުމެ ހަމަނުޖެހުންތައް ހިންގައިގެން ނޫންކަމަށްވެސް ރައްޒާގު ވިދާޅުވިއެވެ.

މެލޭޝިޔާގެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައްޒާގު ވިދާޅުވީ ކުއާލަލަންޕޫރުގެ މަގުތަކަށް އޭނާއަށްވެސް އެތަށް ލައްކަ ބަޔަކު ނެރެވިދާނެ ކަމަށާއި ނަމަވެސް އެކަން ކުރައްވަން ގަސްދު ނުކުރައްވާ ކަމުގައެވެ. ނަޖީބް ރައްޒާގާ ދެކޮޅަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތެރޭގައި އިންވެސްޓްމަންޓް ބޭންކެއްގެ އެކައުންޓުން އޭނާގެ އަމިއްލަ އެކައުންޓަށް 700 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލަ ހިމެނެއެވެ.

ނަމަވެސް ނަޖީބުގެ އެކައުންޓުގައި ގިނަ އަދަދެއްގެ ފައިސާ ހުރި މައްސަލަ މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހްގީގްކުރުމަށްފަހު ބުނެފައި ވަނީ އެއީ ނަޖީބަށް ހަދިޔާގެގޮތުގައި ބައެއް ފަރާތްތަކުން ދީފައިވާ ފައިސާ ކަމުގައެވެ. އިންވެސްޓްމަންޓް ބޭންކް (އެމްޑީބީ) އިން ވެސް ވަނީ އެބޭންކުން ނަޖީބަށް ފައިސާގެ އެއްވެސް އެހީއެއް އަދި ހަދިޔާއެއް ވެސް ދީފައި ނުވާނެ ކަމަށްބުނެ ބަޔާނެއް ނެރެފައެވެ.

މިއާއެކުވެސް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ވަނީ ނަޖީބުގެ މައްޗަށް ތުހުމަތުގެ އިނގިނލި ދިއްކުރައްވައި އޭނާ އާ ދެކޮޅަށް މުޒާހަރާކުރާ ފަރާތްތަކަށް ހިއްވަރު ދެއްވާފައެވެ. މިކަމުގެ ސަބަބުން ނަޖީބު ވަނީ މަހާތީރު ދެކެ ވަރަށް ބޮޑަށް ކޯފާވެފައިކަމަށް މެލޭޝިޔާގެ ނޫސްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)