15 Mar 2011, 15:57
ޖަޕާނުގެ ފުކިޝާމާ ޑައިޗީ ނިއުކްލިއާ ޕަވާ ޕްލާންޓް ގޮވުމާ ގުޅިގެން ބޭރުވަމުންދާ ރޭޑިއޭޝަންގެ އަސަރު ރާއްޖެއަށްކޮށްފާނެތޯ ބެލުމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އާއި ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިޔޫއެޗްއޯ) ގެ އިރުޝާދު ރާއްޖެއިން ހޯދަމުންދާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ، ޖަޕާނުން ބޭރުވަމުންދާ ރޭޑިއޭޝަންގެ އެއްވެސް ނުރައްކަލެއް ރާއްޖެއަށް ކުރިމަތިވެދާނެތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހަށް މިއަދު އަންގަވައިފައިވާ ކަމަށެވެ. އަދި އެ އެންގެވުމާ ގުޅިގެން ނޭޝަނަލް ސެކިއުރިޓީ ބޯޑުން ހަތަރު ވުޒާރާއެއް އެކުލެވޭ ގޮތަށް ކޮމެޓީއެއް އެކުލަވާލައި ކަމާބެހޭ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރަމުންދާ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
ރޭޑިއޭޝަންގެ އެއްވެސް ނުރައްކަލެއް ރާއްޖެއަށް ކުރިމަތިވެދާނެތޯ ބެލިބެލުމުން ރައްޔިތުން ކަންބޮޑުވާންޖެހޭ ފަދަ އެއްވެސް ނުރައްކަލެއް މިވަގުތަށް ރާއްޖެއަށް ނެތް ކަމަށް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުން ވަނީ ބުނެފަ އެވެ. އަދި އެ ހާދިސާއާ ގުޅިގެން ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަތުމަށާއި ހާލަތު ވަޒަން ކުރަން ކޮމިޓީން ފަށާފައިވާ މަސައްކަތުގެ ދަށުން އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އާއި ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔޫ.އެޗް.އޯ) ގެ ލަފަޔާ އިރުޝާދު ވެސް ހޯދަމުންދާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރީ ބޯޑުން މިއަދު ބުނެފައިވަނީ މިހާތަން ރޭޑިއޭޝަންގެ އަސަރު ކޮށްފައިވަނީ ހަމައެކަނި ނިއުކްލިއާ އިންޖީނުގެ ހުރި ސަރަޙައްދުތަކަށް ކަމަށާއި އައިއޭއީއޭ އިން ގަޑިއަކު އެއްފަހަރު މި ހާދިސާ މޮނިޓާ ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައުލޫމާތު ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ ކަމަށްވެސް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރީ ބޯޑުން ބުނެ އެވެ.
ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރީ ބޯޑު އެކުލެވޭ ގޮތަށް މިއަދު ރައީސް އުފެއްދެވި ކޮމެޓީގައި ހިމެނެނީ ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖިކަލް ސެންޓަރާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތާއި މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ އާއި ހައުސިން މިނިސްޓްރީ އެވެ.