އެގާރަ އަހަރަށް ޖަލަށްލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ރާއްޖެއިން ބޭރަށް ގޮސް ލޮލުގެ ފަރުވާ ހޯދުމުގެ އަމުރެއް ނެރެދިނުމަށް އޭނާގެ ގާނޫނީ ޓީމުން ސިވިލް ކޯޓުގައި އެދިއްޖެ އެވެ.

ނާޒިމްގެ ގާނޫނީ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ އަމުރުގެ އިތުރުން ނާޒިމް ގޭ ބަންދަށް ބަދަލުކޮށްދިނުމުގެ އަމުރަކަށް ވެސް އެ ކޯޓުގައި އެދިފައިވާނެ ކަމަށެވެ.

ގާނޫނީ ޓީމުން ބުނީ ނާޒިމް ޖަލުގައި ބަންދު ކުރި ފަހުން އޭނާގެ ލޮލުގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން އަންނަ ކަމަށެވެ.

އެކަމާ ގުޅިގެން މި މަހުގެ 27 ވަނަ ދުވަހު އައިޖީއެމްއެޗްގެ ލޮލުގެ ޑޮކްޓަރަށް ދެއްކުމުން ލޮލުގެ ފަރުވާ ހޯދުމަށް ވީހާ ވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ދިއުމަށް ލަފާ ދެއްވާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އަދި ވީހާ އަވަހަކަށް ލޮލުގެ ފަރުވާ ނުލިބިއްޖެނަމަ ނާޒިމްގެ ލޮލުގެ ފެނުން އެއްކޮށް ގެއްލިގެން ހިނގައިދާނެ ކަމަށް ވެސް ގާނޫނީ ޓީމުން ބުންޏެވެ.

މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ހިތުގެ ބަލީގެ ޚާއްސަ ޑޮކްޓަރަކަށް ނާޒިމް ދެއްކުމުން ސިއްހީ ހާލަތު ހުރިގޮތުން ފަރުވާގެ ބޭނުމަށްޓަކައި ސްޓްރެސް ފްރީ މާޙައުލަކަށް ބަދަލުކުރުމަށް ލަފާ ދީފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ސިންގަޕޫރުން މެޑިކަލް ހެދުމުން ވެސް ބަލި ހާލަތުހުރި ގޮތުން ސްޓްރެސް ފްރީ މާހައުލެއްގައި ހުރުމަށް ލަފާދީފައިވާއިރު، ތަކުރާރުކޮށް ގޭ ބަންދަށް ބަދަލުކޮށްދިނުމަށް ހޯމް މިނިސްޓްރީ އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި އެދެމުން ވެސް އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ވެސް ގާނޫނީ ޓީމުން ބުންޏެވެ.

ނާޒިމް 11 އަހަރަށް ޖަލަށްލާފައި ވަނީ އޭނާ ދިރިއުޅުއްވި ކޮޓަރިތެރެއިން ފިސްތޯލައެއް ފެނުނު މައްސަލާގައި ދައުލަތުން ކުރި ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ.