31 Aug 2015, 17:12
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ހިންމަފުށީ އައްސޭރި ޖަލަށް ބަދަލުކޮށްފިއެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ސަން އަށް ވިދާޅުވީ އިމްރާން އައްސޭރި ޖަލަށް ބަދަލުކުރީ މިއަދު ކަމަށެވެ.
އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ "ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި" އިމްރާން ބަންދުގައި ބެހެއްޓުމަށް ކަމަށެވެ. އެހެންކަމުން އޭނާ އައްސޭރި ޖަލަށް ބަދަލުކުރީ ހޯމް މިނިސްޓްރީގެ ނިންމުމާ އެއްގޮތަށް ކަމަށް ވެސް އިސްމާއީލް ވިދާޅުވި އެވެ.
"ކޯޓު އަމުރުގައި މިވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ކަމަށް އިމްރާން ބަންދުގައި ބަހައްޓަން ވާނީ. މިހާތަނަށް އިމްރާން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ ހޯމް މިނިސްޓްރީން އެގޮތަށް ނިންމުމުން. މިއަދު ހޯމް މިނިސްޓްރީން މިވަނީ ކަނޑައަޅާފައި އިމްރާން ދެން ބަހައްޓާނީ ހިންމަފުށީ އައްސޭރި ޖަލުގައި ކަމަށް،" އިސްމާއީލް ވިދާޅުވި އެވެ.
އިމްރާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް އަވަހަށް ނިންމައިދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް އާއި އިމްރާންގެ ގާނޫނީ ޓީމުން ވެސް ވަނީ ކޯޓުގައި އެދިވަޑައިގެންފައެވެ. ނަމަވެސް އެ މައްސަލަ އަދިވެސް ތާވަލް ކޮށްފައެއް ނުވެއެވެ.
އިމްރާނުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ވަނީ މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީ އިސްވެ، އެމްޑީޕީއާ ބައިވެރިވެގެން "އަނިޔާވެރިކަން ނިންމަން" މި ނަމުގައި މާލޭގައި ބޭއްވި މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް އިމްރާން ވާހަކަދެއްކެވުމުން މުޒާހަރާގެ ބައިވެރީން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، އަމަން ބަލަހައްޓަން ތިބި ފަރާތްތަކަށް ހަމަލާދީ ރައްޔިތުންގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ.
އެންމެ ފުރަތަމަ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިމްރާން ވަނީ އެ ދައުވާ އަށް އިންކާރު ކުރައްވައިފައެވެ.