31 Aug 2015, 18:08
އަންނަ އަހަރުން ފެށިގެން އޭލެވެލް އިމްތިހާނު އޮކްޓޯބަރު/ނޮވެމްބަރު ގައި ހަދާ ގޮތަށް ހަމަޖެއްސުމަށް ކުރީގެ އެޑެކްސެލް އަދި މިހާރުގެ ޕިއާސަންއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މީގެ ކުރިން އޭލެވެލް އިމްތިހާނު ބާއްވަނީ އަހަރު މެދުތެރޭގަ އެވެ. އަދި ގްރޭޑް 10 ނިންމާ ދަރިވަރުން އޭލެވެލްއަށް ކިޔަވަން ފަށަނީ މެއި/ޖޫން ގައި ކަމަށް ވުމުން، އެ ދަރިވަރުންގެ ކިޔެވުން ފެށުމާ މެދު ހަ މަހާއި ހަތް މަހުގެ މުއްދަތެއް ހޭދަވެ އެވެ. އެ މުއްތަތުގެ ތެރޭގައި ގިނަ ދުވަސްތަކެއް ބޭކާރު ވެގެންދެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ޕިއާސަންއާއެކު ސޮއި ކުރައްވާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އެވެ. އަދި ޕިއާސަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ ސީއޭ ޝެރެޓް އެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ އޭލެވެލް އިމްތިހާން ސީރީޒް ފުރަތަމަ ހަދާނީ އަންނަ އަހަރު ގްރޭޑް 11 އަށް ވަންނަ ދަރިވަރުން ކަމަށެވެ.
"މި ބަދަލާ އެކު އަންނަ އަހަރު ގްރޭޑް 11 ފަށާ ދަރިވަރުން އެ ދަރިވަރުންގެ 11 ގެ ކިޔެވުން އެ އަހަރު ނިންމާ އޭ.އެސް ލެވެލް 2016 ވަނަ އަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރުގައި ހެދުމުގެ ފުރުޞަތު ދެވޭނެ. އެ ދަރިވަރުންގެ އޭލެވެލް ނިންމާ އިމްތިހާނު 2017 ވަނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު މަހު ހަދާނެ،" މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ އެ ބަދަލުގެ ސަބަބުން މިހާރު އޭލެވެލް އަށް ކިޔަވަމުންދާ ދަރިވަރުން އިމްތިހާނު ހަދާ ދުވަސްވަރު ބަދަލު ނުވާނެ ކަމަށެވެ. އެހެންކަމުން މިއަހަރުގެ ޖޫންގައި ގްރޭޑް 11 އަށް ގުޅުނު ދަރިވަރުން އިމްތިހާނު ހަދާނީ މިހާރު ވެސް ހަދަމުން ދާ މޭ/ޖޫން ސީރީޒްގައި ކަމަށް އާއިޝަތު ޝިހާމް ވިދާޅުވި އެވެ.