"ވާރލްޑް އެސެމްބްލީ ފޮރ ވިމެން 2015" ގައި ބައިވެރިވެވަޑައިގަތުމަށް ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު، ޚާރިޖީވަޒީރު ދުންޔާ މައުމޫން އެނބުރި މާލެ ވަޑައިގެންފިއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ދަޢުވަތަކަށް، ވާރލްޑް އެސެމްބްލީ ފޮރ ވިމެން 2015ގެ ޕެނަލް ޑިސްކަޝަންގައި ޚާރިޖީވަޒީރު ދުންޔާ ވަނީ، އަންހެން ކުދީންގެ ތައުލީމާ ބެހޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ.

ދުންޔާގެ އެ ދަތުރުފުޅުގައި ޖަޕާނުގެ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރުން ޖަޕާނުގެ ޚާރިޖީ ވަޒީރު ފުމިއޮ ކިޝިޑާ އާއި ޖަޕާނު ސަރުކާރުގެ އިސްބޭބޭފުޅުންނާއި ބައްދަލުކުރެއްވި ކަމަށް ޚާރިޖީ ވުޒާރާއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން އެ ދަތުރުފުޅުގައި އެކަމަނާ ވަނީ، ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން އިންތިޒާމްކޮށްގެން ރާއްޖޭގެ 50 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ބައިވެރިވެވަޑައިގެންފައެވެ.