ލ. ހިތަދޫގެ ކުރީގެ ކައުންސިލަރާއެކު ރަށު ކައުންސިލްގެ އިދާރާއަށް މައްސަލައެއް ހުށަހަޅަން ދިޔަ ބަޔަކާއި އެ އޮފީހަށް އެހެން ކަމެއްގައި ދިޔަ މީހަކާ ދެމެދު މާރާމާރީއެއް ހިންގައި ކައުންސިލް އިދާރާއަށް ގެއްލުންތައް ދީފި އެވެ.

ހިތަދޫ ރަށު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އަބޫބަކުރު މިއަދު ވިދާޅުވީ މިއަދު ހިންގި މާރާމާރީއަކީ އެރަށު މީހަކަށް މީގެ އަހަރުތަކެއް ކުރިން ދޫކޮށްފައިވާ ބިމެއްގައި ފައިބަރުގެ މަސައްކަތް ނުކުރަން ކޯޓުން އަމުރުކޮށްފައި ވަނިކޮށް އެ ބިމުގައި ފައިބަރު މަސައްކަތްކުރާތީ އުފެދުނު ހަމަނުޖެހުމެއްގެ ތެރެއިން ހިންގި މާރާމާރީއެއް ކަމަށެވެ. އަދި ވިދާޅުވީ މާރާމާރީ ހިންގީ މިއަދު ހެނދުނު 9:30 އެހާކަންހާއިރު ރަށުގެ ކުރީގެ ކައުންސިލަރު އަހުމަދު އަލީ އެކު ރަށު ކައުންސިލްގެ އިދާރާ އަށް ދިޔަ ގްރޫޕަކުން ކަމަށެވެ.

މި ހާދިސާގެ ތެރޭގައި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބި ކައުންސިލް އިދާރާގެ ދޮރަށް ވަނީ ގެއްލުންތައް ލިބިފައެވެ. މި މާރާމާރީގައި އަނިޔާވި މީހުންނަށް ލިބުނީ ކިހާ ވަރެއްގެ އަނިޔާތަކެއް ކަމެއް ސާފެއް ނުވެއެވެ.

މުހައްމަދު އަބޫބަކުރު ވިދާޅުވީ ބިމުގެ މައްސަލަ ލިޔުމަކުން ހުށަހަޅަން ކައުންސިލުން އެދިފައިވާނެ ކަމަށާއި ނަމަވެސް ކައުންސިލަށް އިތުރު އެހެން މައްސަލައެއްގައި ދިޔަ މީހެއް އެތަނުގެ ތެރެއަށް ވަނަނުދީ ހިފަހައްޓައި ހަމަނުޖެހުން ހިންގަން ފެށުމުން އިތުރު މީހުން އެ އިދާރާގެ ތެރެއަށް ވަދެގަނެ މާރާމާރީ ހިންގީ ކަމަށެވެ.

"މާރާމާރީ ހިންގަން ފެށުމާއެކު އެވަގުތު މަގުމަތީގައި ތިބި މީހުން ރަށު ކައުންސިލްގެ ތެރެއަށް ވަދެގަނެ ހިންގި ހަމަނުޖެހުމުގައި ހައެއްކަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބުނު" އަބޫބަކުރު ވިދާޅުވި އެވެ.
އަތޮޅު ކައުންސިލްގެ އިދާރާ އިން މިއަދު ބުނީ މައްސަލަ ޖެހުނު ބިމުގައި ފައިބަރު މަސައްކަތް ކުރަމުންދާތީ އެމަސައްކަތް އެތަނުގައި ނުކުރުމަށް ކޯޓުން އަމުރެއް ނެރެފައިވަނީ އެބިމަކީ ރަށުތެރޭގައި މީހުން އުޅޭ ސަރަހައްދެއްގައި އޮންނަ ބިމަކަށްވާތީ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.