ނޯވޭގެ އެކްޓިވިސްޓެއް ކަމަށްވާ ގިސާ ސިމޮނާސަން މިދިޔަ ހަފްތާގައި އެނާގެ 6،000 އަށްވުރެ ގިނަ ފޮލޮވަރުންނާ ހިއްސާކުރި ފޮޓޯއެއް ވަނީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ.

އެއީ ބައްޕައަކު އޭނާގެ ނިދާފައިއޮތް ދަރިފުޅު އެއް ކޮނޑަށްލައިގެން ލުބްނާނުގެ ވެރިރަށް ބޭރޫތުގެ މަގެއްގައި ގަލަން ވިއްކާ މަންޒަރެވެ. އެއީ ލޯބިލޯބި ކުޑަކުޑަ އަންހެން ކުއްޖެކެވެ.

އެ ބައްޕަ އަކީ ސީރިޔާގައި ކުރަމުންދާ ހަންގުރާމައިން ސަލާމަތްވުމަށް ލުބުނާނަށް ގޮސް ނިކަމެތި ހާލުގައި އުޅޭ އެތައް ހާސް ސީރިޔާ ރެފިއުޖީން ތެރެއިން އެކަކެވެ. ކޮންމެ ދުވަހަކުމެ އެ ބައްޕަ ކުރާ ކަމަކީ ދަރިފުޅު ކޮނޑަށް ލައިގެން ގަލަން ވިއްކުމެވެ. އޭގެ ތެރެއިން ގިނަ ވަގުތުތަކުގައި އެ ތުއްތު ދަރިފުޅު އޮންނަނީ ބައްޕަގެ ކޮނޑުމަތީ ނިދާފަ އެވެ. އެތައް އިރަކު ގަދަ ހޫނުގައި ހިނގުމުން މާ ބޮޑަށް ވަރުބަލިވުމުން ދަރިފުޅު އުނގަށް ލައިގެން ކޮންމެވެސް ހިޔާދޭ ތަނެއްގައި އިށީނދެލަ އެވެ. ވަރުބަލި ފިލުމުން އަނެއްކާ ވެސް ދަރިފުޅު ކޮނޑުމައްޗަށް ލައިގެން ގަލަން ވިއްކުމުގެ މަސައްކަތް ފަށަ އެވެ. އެންމެ ވަގުތު ކޮޅަކަށް ވެސް އެ ދަރިފުޅު ހަށިގަނޑާ ވައްކެތް ނުކުރެ އެވެ.

ސޯޝަލް މީޑިޔާ މެދުވެރިކޮށް ލިބުނު އެހީގެ ސަބަބުން ވަނީ އެ ނިކަމެތި ބައްޕައާއި އޭނާގެ ކުޑަކުޑަ އާއިލާގެ ދިރިއުޅުން ބަދަލުވެފައެެވެ.

"އެއީ ވަރަށްވެސް ޖަޒުބާތުން ފުރިގެންވާ ފޮޓޯއެއް،" ސިމޮނާސަން ސީއެންއެން އަށް ދިން އިންޓަވިއު އެއްގައި ކިޔައިދިނެވެ. "އޭނަގެ މޫނުމަތީ ކުލަވަރު ފެންނާނެ. އަދި އޭނަ އެ ގަލަންތައް ހިފައިގެންހުރިގޮތް. މި ދުނިޔެމަތީ އޭނަ އަތުގަ ހުރި ހަމައެކަނި އެއްޗަކީ އެ ގަލަންތައް ފަދަ."

ސިމޮނާސަން ޓުވިޓާގައި އެ ފޮޓޯ ޝެއާ ކުރިތާ މަދު ހިނދުކޮޅެއްގެ ތެރޭގައި ފޮޓޯގައި ފެނިގެންދާ މީހާއަށް އެހީވުމަށް އެދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ހުށަހެޅުންތައް އަންނަން ފެށި އެވެ. ނަމަވެސް ސިމޮނާސަން އަށް އެއީ ކާކުކަން ނޫނީ އެ ފޮޓޯ ނެގީ ކާކު ކަމެއްވެސް ނޭނގެ އެވެ.

އެއީ ކާކުކަން ހޯދުނީ ސޯޝަލް މީޑިޔާގެ އެހީގަ އެވެ. އެތަކެއް އެކްޓިވިސްޓުންނެއް އެ ފޮޓޯގައި ފެނިގެންދާ މީހާ ހޯދުމަށް ސިމޮނާސަން އަށް އެހީވުމަށް އެދި ސޯޝަލް މީޑިޔާގައި ގޮވާލިއެވެ. އަދި ދެދުވަސްފަހުން ސިމޮނާސަން އަށް ފޮޓޯގައި ފެނިގެންދާ މީހާ ލޮކޭޓު ކުރެވުނެވެ. "އެންމެ ފަހުން ފެނިއްޖެ!" ސިމޮނާސަން ޓުވީޓް ކުރިއެވެ. "ވަރަށް ބުރަ މަސައްކަތް ކޮށްގެން މި ހޯދުނީ. އެކަމަކު އެކަމުގެ މޭވާ މާ ފޮނި! ދެން ހިނގާ އެމީހުންނަށް އެހީ ވާން!"

ދެކުދިން އެކަނިމާއެކަނި ބަލައިބޮޑުކުރަމުން އަންނަ އަބްދުލް އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މީހުންނެއް އޭނާ އެއީ ކާކުކަން ހޯދުމަށް މަސައްކަތް ކުރިކަން އެނގުމުން ވަރަށް ފުން އަސަރެއް ކުރިއެވެ. އަދި ފޮޓޯއިން ފެނިގެންދާ އޭނާގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅު ރީމް ވަރަށް އުފާވެ، އެ އާއިލާ ހޯދުމުގައި ބައިވެރިވި އެކްޓިވިސްޓެއް ކަމުގައިވާ ކެރޮލް މަލައޫފް އާއި އެކު "ސެލްފީ" އެއް ނެގުމަށް އެދުނެވެ.

"ރީމް އަހަރެން ކައިރިއަށް އައިސް ބައްދާލާ، ސެލްފީއެއް ނެގުމަށް އެދުނު. ހާދަ ލޯބި ދިރުމުން ފުރިގެންވާ ކުއްޖެކޭ. ލޯބިން ފުރިގެންވާ ކުޑަކުޑަ ގެއެއް،" ރީމް އާއި އެކު ނެގި ސެލްފީ ސޯޝަލް މީޑިޔާ އާއި ހިއްސާކުރަމުން ކެރޮލް ލިޔުނެވެ.

ސޯޝަލް މީޑިޔާއިން ސީރިޔާގެ އެންމެ ހާލަތު ގޯސް އެއް ރަށް ކަމުގައިވާ ޔާމޮއުކް ދޫކޮށް ލުބަނާނަށް ހިޖުރަކުރި އަބްދުލް އައް އެހީވާން ވީ ވައުދު ފުރިހަމަ ކުރިއެވެ.

ސިމޮނާސަން އަބްދުލް ގެ އާއިލާ އަށް 5،000 އެމެރިކާ ޑޮލަރު އެއްކުރުމަށް ލަނޑުދަނޑި ކަނޑައަޅައި ޕޭޖެއް އުފެއްދިތާ 30 މިނިޓު ތެރޭގައި ލަނޑުދަނޑި ހާސިލްވިއެވެ.

"އަހަރެން ގަބޫލު ކުރާ ގޮތުގަ މިކަމުން އަންގައިދެނީ އިންސާނިއްޔަތުކަން ގެއްލިގެން ނުދާކަން،" ސޯޝަލް މީޑިޔާ މެދުވެރިކޮށް އެހީވުން ހުއްޓާނުލުމަށް ގޮވާލާ ސިމޮނާސަން ކުރި ޓުވީޓެއްގައި ވެއެވެ.

ސީރިޔާގައި ކުރާ ހަނގުރާމައިގައި މިހާތަނަށް 220،000 މީހުން މަރުވެ، އެތައް ސަތޭކަ ހާސް މީހުންނެއް ވަނީ މަގުމަތި ވެފައެވެ. ސީރިޔާ ރެފިއުޖީއެއްގެ ހަޔާތަށް މިފަދަ ގޮތަކަށް ރަނގަޅު ބަދަލެއް އައުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.

24 ގަޑިއިރުތެރޭގައި ގާތްގަންޑަކަށް 3،000 މީހުންގެ އެހީގައި އަބްދުލް އާއި އޭނާގެ އާއިލާ އަށް 80،000 އެމެރިކާ ޑޮލަރުގެ އެހީ އެއްކުރެވުނެވެ.

"އަބްދުލް އަށް މިހާވަރު އެއްކުރެވުނުކަން އެންގުމުން އޭނާ ފެށީ ރޯން،" ސިމޮނާސަން ބުންޏެވެ. "އޭނަ ހުރީ ވަރަށް ޝުކުރުވެރިވެފަ. އޭނަ ތި ދީލަތިކަމަށް ޝުކުރިއްޔާއޭ އެތައް ފަހަރަކު ބުނި."

އަބްދުލް ބުނިގޮތުގައި އެ ފައިސާގެ އެހީގެ ސަބަބުން އޭނާގެ ދެ ދަރީން ސުކޫލަށް ވައްދައި ތައުލީމު އުނގެނުމުގެ ފުރުސަތު ހޯދައިދެވޭނެ އެވެ. ހަނގުރާމައިގެ ކުރިން ޗޮކޮލެޓް އުފައްދާ ކާރުހާނާ އެއްގައި މަސައްކަތްކުރި 35 އަހަރުގެ އަބްދުލް ބުނިގޮތުގައި އޭނާ ބޭނުންވަނީ އެ ފައިސާގެ އެހީ ބޭނުންކޮށްގެން ދަތި ހާލުގައި އުޅޭ އެހެން ސީރިޔާ ރެފިއުޖީންނަށް އެހީ ވުމަށެވެ.

އޭނާ އަކީ ތުރުކީ، އުރުދުން އަދި ލުބުނާނަށް ހިޖުރަކުރި ސީރިޔާ ރެފިއުޖީންގެ ތެރެއިން ދަފްތަރު ކުރެވިފައިވާ ހަތަރު މިލިއަން މީހުންގެ ތެރެއިން އެކަކެވެ.