ރާއްޖޭގެ ނުވަ ސަރަހައްދަކުން ތެލެސީމިއާ ސްކްރީން ކުރުމުގެ ހިދުމަތް މިއަހަރު ނިމެންވާއިރަށް ދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ބަލްޑް ސާވިސް (އެމްބީއެސް) އާއެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ފެށުމުގެ ކުރިން ރާއްޖޭގެ ނުވަ ސަރަހައްދަކުން ތެލެސީމިއާ ސްކްރީން ކުރުމުގެ ހިދުމަތް ލިބިގެންދާއިރު މިހާރު ވަނީ އެ ހިދުމަތް އައްޑޫ ސިޓީ ހިތަދޫގެ ރީޖަނަލް ހޮސްޕިޓަލްގައި ގާއިމު ކޮށްފައެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ އަންނަ އަހަރު ފެށުމުގެ ކުރިން މާލޭގެ އިތުރުން ނުވަ ސަރަހައްދެއްގައި ތެލެސީމިއާ ސްކްރީން ކުރުމުގެ ހިދުމަތް ގާއިމު ކުރުން. އެގޮތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އެ ހިދުމަތް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ގާއިމު ކޮށްފައި. އެގޮތުން އެކަމަށް ބޭނުންވާ މެޝިންތައް އިންސްޓޯލްކޮށް ސްޓާފުން ޓްރެއިނިން ކޮށްފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ތެލެސީމިއާ ސްކްރީން ކުރުމުގެ ހިދުމަތް ގާއިމް ކުރާނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ޑރ. އަބްދުއްސަމަދު ރީޖަނަލް ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ހއ. އަތޮޅު ހޮސްޕިޓަލު، ދިއްދޫ އާއި ގއ. އަތޮޅު ހޮސްޕިޓަލް އަދި ޏ. ފުވައްމުލަކު ހޮސްޕިޓަލެވެ.

ތެލެސީމިއާގެ ކުދިންނަށް ފަސޭހަތަކެއް ކޮށްދިނުމަށްޓަކައި ތެލެސީމިއާ ކުދިން ބޭނުންވާ ބްލަޑް ފިލްޓަރާއި އެނޫން ވެސް ބޭނުންވާ ބޭސްތައް އާސަންދަ މެދުވެރިކޮށް ހިލޭ ލިބޭނޭގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށް މިނިސްޓަރު އިރުތިޝަމް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ތެލެސީމިއާގެ ހިދުމަތް ރަނގަޅު ކުރުމަށް 13 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ތެލެސީމިއާ ޖެހިފައިވާ ކުދިންނަށް 6،039 ފިލްޓަރު ސަރުކާރުން ގަނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަތޮޅުތަކުގެ ތެލެސީމިއާ ޖެހިފައިވާ ކުދިންނަށް ބޭސް ފަދަ ތަކެތި ފޯރު ކޮށްދިނުމަށް އެމްބީއެސް އިން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުން ކަމަށްވެސް އިރުތިޝަމް ވިދާޅުވިއެވެ.

ތެެލެސީމިއާ އާ ބެހޭގޮތުން އެކި ފަރާތްތަކުގެ ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި އެމްބީސީ އިން ދަނީ އަތޮޅުތަކުގައި ގިނަ ޕްރޮގްރާމްތަކެއް ބާއްވަމުންނެވެ. އެގޮތުން މިހާތަނަށް ހަތް އަތޮޅަކުން 35 ފަސް ރަށެއްގެ މީހުންނަށް ވަނީ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ބާއްވާފައެވެ.