ސިޔާސީ ޕާޓީތަކުގެ ތެރެއިން 3000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް މެމްބަރުން ހަމަކުރުމުގެ ފުރުސަތު މި ހަފުތާއިން ފެށިގެން ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން ނެވެ. އެ އިސްލާހު ރައީސް އަބްދުﷲ ޔާމީން މިހާރު ވަނީ ތަސްދީގުވެސް ކުރައްވައިފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް މިއަދު "ސަން" އަށް ވިދާޅުވީ، 3000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކަށް މެމްބަރުން ހަމަކުރުމުގެ ފުރުސަތު މިހަފުތާއިން ފެށިގެން އެ ޕާޓީތަކަށް ކޮމިޝަނުން ދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ހަފުތާ ތެރޭގައި 3000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކަށް 3000 މެމްބަރުން ހަމަކުރުމުގެ ފުރުސަތު ދޭނަން. އެވަރަށް މެމްބަރުން ހަމަނުވާ ނަމަ ގާނޫނުގައި ބުނެފައިވާ ގޮތަށް އަމަލު ކުރަމުން ގެންދާނަން،" އަކުރަމް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ އެ ގާނޫނަށް އަމަލު ކުރަން ފަށާ އިރު އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން 3،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް އެ އަދަދަށް މީހުން ހަމަކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގައި 14 ސިޔާސީ ޕާޓީއެއް ވަނީ ރަޖިސްޓުރީކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމުމުން އަށް ޕާޓީއަކުން ތިން މަސް ދުވަހުގެ ތެރޭގައި 3000 މެމްބަރުން ހަމަކުރަންޖެހެ އެވެ.

އޭގެތެރޭގައި މޯލްޑިވްސް ނެޝެނަލް ކޮންގްރެސް އާއި ޕީޕަލްސް އެލަޔަންސާއި މޯލްޑިވިއަން ލޭބަ ޕާޓީ ދިވެހި ގައުމީ ޕާޓީއާ އެމްއެސްޑީޕީގެ އިތުރުން ޕީޕަލްސް ޕާޓީ ހިމެނެ އެވެ.