31 Aug 2015, 15:08
ތ. އަތޮޅު ކައުންސިލް މެންބަރަކާއި ބ. އޭދަފުށީ ކައުންސިލް މެންބަރަކާއި އއ. ބޮޑުފުޅުދޫ ކައުންސިލް މެންބަރަކު އެމްޑީއޭ އަށް ސޮއިކުރައްވައިފި އެވެ. އެ ތިން ބޭފުޅުން އެމްޑީއޭ އަށް ސޮއިކުރެއްވީ އެ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް މިހާރު ކުރިޔަށް ގެންދާ ޚާއްސަ ހަރަކާތުގެ ތެރެއިން ދާދި ފަހުން ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
ބ. އޭދަފުށީ ކައުންސިލް މެންބަރު އަހުމަދު އަފްޒަލް އެމްޑީއޭ އަށް ސޮއިކުރެއްވުމަށް ފަހު ޕާޓީގެ ލީޑަރު ސިޔާމަށް ފޯމު ހަވާލުކުރައްވަނީ --- ސަން ފޮޓޯ
ތ. އަތޮޅު ކައުންސިލުން އެމްޑީއޭ އަށް ސޮއިކުރެއްވީ އެކައުންސިލްގެ މެންބަރު ޢަލީ ސިރާޖު އެވެ. އޭދަފުށީ ކައުންސިލުން އެމްޑީއޭ އަށް ސޮއިކުރެއްވީ ކައުންސިލް މެންބަރު އަހުމަދު އަފްސަލް އެވެ. އއ. ބޮޑުފުޅުދޫ ކައުންސިލުން އެމްޑީއޭ އަށް ސޮއިކުރެއްވީ ކައުންސިލް މެންބަރު މުހައްމަދު ނާޝިދު އެވެ. އެ ތިން ފޭޅުން ވެސް އެމްޑީއޭ އަށް ސޮއިކުރެއްވުމުގެ ކުރީން ތިއްބެވީ ޖުމުހޫރީ ޕާޓީގަ އެވެ.
އެމްޑީއޭ އަށް އެ ތިން ބޭފުޅުން ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި ޕާޓީގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި ޑެޕިއުޓީ ލީޑަރު އަދި ނ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފު ބައިވެރިވެވަޑައިގެންނެވި އެވެ.
އއ. ބޮޑުފުޅުދޫ ކައުންސިލް މެންބަރު މުހައްމަދު ނާޝިދު އެމްޑީއޭ އަށް ސޮއިކުރެއްވުމަށް ފަހު މެމްބަޝިޕް ފޯމު ޕާޓީގެ ލީޑަރަށް ހަވާލުކުރައްވަނީ --- ސަން ފޮޓޯ
އެމްޑީއޭ އަށް މެންބަރުން އިތުރުކުރުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރު އަންނަނީ ޚާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ.