ގައުމީ ޕެންޝަން ސްކީމްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރި ނުވާ ގޮތަށް، މަޖިލީހުން ނިންމަވައިފި ނަމަ ގާނޫނީ އިތުރު މައްސަލަތަކެއް ނުކުމެ ގައުމީ ޕެންޝަން ސްކީމަށް ހީނަރުކަމެއް ލިބޭނެ ކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މިއަދު ބުނެފި އެވެ.

ސަރުކާރުގެ މުވައްޒިފުންނާއި އެއް ހަމައަކުން ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް ޕެންޝަން ސްކީމްގައި ބައިވެރިވާން ޕެންޝަން އޮފީހުން މަޖިލީހަށް އަންގާފައިވީ ނަމަވެސް އަދިވެސް މެންބަރުން ޕެންޝަން ސްކީމްގައި ބައިވެރިވެފައި ނުވާތީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެ އޮފީހުގެ ސީއީއޯ މުހަންމަދު ހުސެން މަނިކު މިއަދު ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ މެންބަރުންނަކީ ފަސް އަހަރުގެ ދައުރަކަށް ހޮވިވަޑައިގެންފައި ތިއްބެވި ބޭފުޅުން ކަމަށް ގަބޫލުކުރައްވައިގެން ޕެންޝަން ސްކީމްގައި ބައިވެރިވެ ވަޑައިނުގަންނަވާ ނަމަ، މިނިވަން މުއައްސަސާތަކުގެ ބޭފުޅުން ވެސް އެ ސްކީމްގައި ބައިވެރިވެ ވަޑައިގަންނަވަން ނުޖެހޭނެ ކަމަށެވެ.

ޕެންޝަނާ ބޭހޭ ގާނޫނުގައި ވަޒީފާ އަދާކުރާ ހުރިހާ މީހުން ވެސް ބައިވެރިވާން ޖެހޭނެ ކަމަށް އޮތުމުން އޭގެ އިން ދޭހަ ވަނީ މަޖިލީހުގެ މެންބަރުން ވެސް އެ ސްކީމުން އިސްތިސްނާ ނުވާނެ ކަމަށް މަނިކު ވިދާޅުވި އެވެ.

"ފަސް އަހަރުގެ ޓާމަކަށް ހޮވައިފައި ތިބި ބައެއް ކަމަށް ދެކެވަޑައިގަންނަވައިގެން އެއީ ދައުލަތުގެ މުވައްޒިފުން ނޫނޭ ވިދާޅުވެއްޖިއްޔާމުން މިނިވަން މުއައްސަސާތަކުގެ ބޭފުޅުން ވެސް އަނެއްކާ ދާދިފަހުން ހޮވިވަޑައިގަތް 1000 އެތައް ކައުންސިލަރުން ވެސް ޕެންޝަންގައި ބައިވެރި ވަޑައިގަންނަވާ ކަށް ޖެހިވަޑައިނުގަންނަވާނެ. އެކަމަކު އަޅުގަނޑުމެން މި ބަލަނީ އެބޭފުޅުން ވެސް ޕެންޝަން ދައްކަވަން ޖެހޭނެ ކަމަށް. ދެން އެގޮތަށް ދެކެވަޑައިގަންނަވަންޏާ ކޮންމެވެސް އެހެން ގޮތަތަކަށް އެބޭފުޅުންނަށް ޕެންޝަން ދޭން ހަމަޖައްސަން ޖެހޭނީ. އޭރުން އެއީ މި ސްކީމަށް ވެސް ލިބޭނެ ހީނަރުކަމެއް،" މަނިކު ވިދާޅުވި އެވެ.

ނަމަވެސް، ރައްޔިތުން މަޖިލީހުގެ އަމީން އާންމު އަހުމަދު މުހަންމަދު މިއަދު ވިދާޅުވީ މީގެ ކުރިން މާލިއްޔަތު ކޮމެޓީން އޮތީ މަޖިލީހުގެ މެންބަރުން އެ ސްކީމްގައި ބައިވެރި ނުވާ ގޮތަށް ނިންމައިފައި ކަމަށާއި އޭގެ ފަހުން އަދި މާލިއްޔަތު ކޮމެޓީން އެނޫން ގޮތަކަށް ނިންމާފައިވާ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"މަޖިލީހުގެ ކޮމެޓީތަކުން އެކަހަލަ ކަންތައްތަކުގައި ގޮތެއް ނިންމަވާނީ. މީގެ ކުރިން މާލިއްޔަތު ކޮމެޓީން އޮތީ ބައިވެރިނުވާ ގޮތަށް ނިންމާފައި." މަޖިލީހުގެ އަމީން އާންމު ވިދާޅުވި އެވެ.

ޕެންޝަން އޮފީހުން މިއަދު ބުނީ، މާލިއްޔަތު ކޮމެޓީގެ އެ ނިންމުން ބަދަލުކުރުމަށް އެދި ސިޓީއެއް ފޮނުވައިފައިވާ ކަމަށާއި އެހެންނަމަވެސް، އެ ސިޓީ އަށް މަޖިލިސްގެ އައުދައުރު ފެށުނު ފަހުން ވެސް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

މަނިކު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕެންޝަން ސްކީމްގައި ބައިވެރިވެވަޑައިނުގަންނަވާ ނަމަ "ދެން ހުރި މަރުހަލާތަކަށް ދާން" ޖެހިދާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން މަރުހަލާއެއް ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.

މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ދައުލަތުގެ މުވައްޒިފުންނާ އަދި މިނިވަން މުއައްސަސާތަކުގެ މުވައްޒިފުން ވެސް އަންނަނީ ޕެންޝަން ސްކީމްގައި ބައިވެރިވެ ފައިސާ ދައްކަމުންނެވެ. ދައުލަތުގެ މުވައްޒިފުންގެ އަތުން ޕެންޝަން ސްކީމަށް މަހަކު 25 މިލިއަން ރުފިޔާ ލިބޭ ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.

ޕެންޝަން ސްކީމްގައި ބައިވެރިވުމަށް ޓަކައި ވަޒީފާ އަދާކުރާ ފަރާތުން ދައްކަން ޖެހޭނީ އެމީހެއްގެ އަސާސީ މުސާރައިގެ ހަތް ޕަސެންޓާއި ވަޒީފާދޭ ފަރާތުން ހަތް ޕަސެންޓާ އެކު ޖުމްލަ 14 ޕަސެންޓް އެވެ.

އަދި ދައުލަތުގެ މުވައްޒަފުން ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތައް އަދި އެކިއެކި ހިދުމަތްދޭ ތަންތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އަންނަ އެޕްރީލް މަހުގެ ކުރިން އެ ސްކީމްގައި ބައިވެރިވާން ޖެހެ އެވެ.

ރިޓަޔާމަންޓް ސޭވިންގް އެކައުންޓަށް ޖަމާކުރާ ފައިސާ ލިބޭނީ ކޮންމެ މީހެއްގެ އުމުރުން 65 އަހަރުވުމުން މަހުން މަހަށް ލިބޭ ފައިސާގެ ގޮތުގަ އެވެ.