31 Aug 2015, 15:35
ދަގަނޑު ހޮޅިއަކުން ޖެހި އަންހެނަކު މަރުވެފައިވާ މައްސަލައިގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ވާނަމަ އެފަރާތަކާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓުރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ، އިހުމާލުވި ފަރާތްތަކަށް ލިބެންޖެހޭ އަދަބު ދިނުން، ކަމާ ގުޅުންހުރި މުއައްސަސާތަކުން ކުރަމުންދާނެ ކަމަށެވެ.
"ހާދިސާއެއް ހިނގައިފާނެ. ހާދިސާއެއް ހިނގީމަ އެކަމުގައި އިހުމާލުވާ ފަރާތްތަކަށް ނުވަތަ ފަރާތަކަށް ޖެހޭނެ އަޅަންޖެހޭ ފިޔަވަޅުތައް އަޅަން،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ، އެ ހާދިސާއަކީ މިނިސްޓްރީގެ އެންމެހާ މުވައްޒަފުން ހިތާމަކުރާ ހާދިސާއެއް ކަމަށެވެ. މުއިއްޒު ވިދާޅުވީ، އެކަން ހިނގައި ދިއުމާއެކު ހައުސިން މިނިސްޓްރީގެ ތެރެއިން ވެސް ކަންކަން ބަލައި ތަހުގީގެއް ކޮށްފައިވާނެ ކަމަށެވެ.
"ދެން އަދި ސީދާ ޕޮލިސް ސާވިސްއާ ޕޮލިސް ކޮމިޝަނާއާ ގުޅިގެން އެފަރާތްތަކަށް ދޭންޖެހޭ އެއްބާރުލުން މިނިސްޓްރީގެ [ހައުސިން މިނިސްޓުރީ] ފަރާތުން ވެސް ދަނީ ދެމުން. އަޅުގަނޑު ބޭނުން ވަނީ މިކަން ބަލަން. ފުރަތަމަ އިންޓާނަލީ އަޅުގަނޑު އަންގައިގެން ތަހުގީގެއް ވަނީ ހިންގާފައި މިނިސްޓްރީ ތެރެއިން،" މުއިއްޒު ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު (ކ): ސަން ފޮޓޯ/ އަލީ ނަސީރު
ހައުސިން މިނިސްޓްރީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދަގަނޑު ހޮޅިއަކުން ޖެހި އަންހެނަކު މަރުވެފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކޮންޓެއިނާ ޓްރަކެއް ކޮންޓްރޯލް ނުވެ ހޮޅިދަނޑީގައި ޖެހުމުގެ ސަބަބުން ކަމަށެވެ.
ހޮޅިދަނޑިން ޖެހި ޒަހަމްވި ސ. ހިތަދޫ ލިލަކް އަޒުފާ ޒުހައިރު، 24، ވަނީ އައިޖީއެމްއެޗުގެ އެމެޖެންސީގައި ފަރުވާދެމުން ދަނިކޮށް އިއްޔެ މެންދުރު 2:28 ގައި ނިޔާވެފައެވެ.
ބަޔާނުގައި ބުނެފައި ވަނީ އަޒުފާގެ ބޮލުގައި ޖެހުނު ހޮޅި އަކީ އިއްޒުއްދީން މަގަށް ފެންނަ ގޮތަށް 392 ނަންބަރު ކޮށީގެ މަގުގެ އަރިމަތީގައި ގޯތީގެ އިމުގެ ތެރޭގައި ބަހައްޓާފައި ހުރި ހޮޅިއެއް ކަމަށެވެ.
އެ ހޮޅިއަކީ މިނިވަން 50 އަށް އެ ސަރަހައްދު ޒީނަތްތެރި ކުރުމަށް ނަމޫނާ ރުކެއްގެ ގޮތުގައި ކުލަބޮކި ދިއްލާފައި ހުރި ހޮޅިއެއް ކަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ހޮޅިދަނޑި ވެއްޓިފައި ވަނީ ޓްރަކްދުއްވަން އިން މީހާ ގަސްތުގައި ކުރި އަމަލަކުން ނޫންކަން މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.