މާލޭގެ ހުޅަނގު ފަރާތުގައި އާޓިފިޝަލް ބީޗެއް ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަސައްކަތަށް ފަސޭހަ ކުރުމުގެ ގޮތުން ކަނބާ އައިސާރަނި ހިނގުމުގެ ބޮޑު ބައެއްގައި މާދަމާއިން ފެށިގެން ދެކޮޅަށް ދުއްވާ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީއިން ހަމަޖައްސަފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިއަދު ސަން އަށް ވިދާޅުވީ، އެގޮތަށް ހަމަޖެއްސިކަން ޓްރާންސްޕޯޓް އޮތޯރިޓީން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ދެކޮޅަށް ދުއްވާގޮތަށް ހަމަޖައްސާފައި ވަނީ މަޖީދީމަގާއި ކަނބާއައިސާ ރަނިހިނގުމާ ގުޅޭ ހިސާބުން ފެށިގެން ގޮސް މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާ ހަމައަށް ކަމަށެވެ.

ކަނބާއައިސާ ރަނިހިނގުމުގައި ޓްރެފިކް ފުލުހަކު މަޑުކޮށްގެން ---- ސަން ފޮޓޯ: އަލީ ނަސީރު

"މިއީ އާޓިފިޝަލް ބީޗުގެ މަސައްކަތް ނިމެންދެން ގެނެސްފައިވާ ބަދަލެއް. މިބަދަލާއެކު އެ ސަރަހައްދުގައި ޕާކްނުކުރެވޭގޮތަށް ވަނީ ހަމަޖައްސާފައި. މިއީ ހުރިހާ ފަރާތްތަކަށް ވެސް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއް،" އިސްމާއީލް ވިދާޅުވި އެވެ.

ޚާއްސަކޮށް ސްކޫލަށް ކުދިންދާ ވަގުތުތަކުގައި އެމަގު ބާރުބޮޑުވާނެ ކަމަށާއި އެހެންކަމުން މިހާރަށްވުރެ ބޮޑަށް އެގަޑިގަތުގައި ފުލުހުން އެ ސަރަހައްދު ބަލަހައްޓާނެ ކަމަށް ވެސް އިސްމާއީލް ވިދާޅުވިއެވެ.

އާޓިފިޝަލް ބީޗު ހެދުމަށްޓަކައި ސޯޝަލް ސެންޓަރުގެ ޖިމާއި އެ އިމާރާތާ އިންވެގެން ހުރި ކުރީގެ "ވޯޓާ ގޭޓް" ރެސްޓޯރެންޓް ހުސްކޮށް މިހާރު ވަނީ އެތަން ތަޅާލާފައެވެ. ސޯޝަލް ސެންޓަރުގެ ބައެއް ތަޅައިލާއިރު އޭގެތެރޭގައި އެތަނުގެ ސެމިނާ ރޫމާއި މީޓިން ރޫމް ވެސް ހިމެނެއެވެ.

މާލޭގެ ހުޅަނގު ފަރާތުގައި އާޓިފިޝަލް ބީޗު ހަދާ ސަރަހައްދު ---- ސަން ފޮޓޯ: އަލީ ނަސީރު