31 Aug 2015, 14:02
ސިންގަޕޫރު: ފާއިތުވީ 20 ވަރަކަަށް އަހަރު ދުވަހު މަނާކަމެއްގެ ގޮތުގައި ބޭއްވުމަށްފަހު، އެޗްއައިވީ ޕޮޒިޓިވް މީހުން ކުރުމުއްދަތަކަށް ސިންގަޕޫރަށް ޒިޔާތްކުރުމުގެ ހުއްދަ އެގައުމުން ދީފިއެވެ.
ސިންގަޕޫރުގެ ދުވަހު ނޫހެއް ކަމަށްވާ ސްޓްރެއިޓްސް ޓައިމްސްއިން ބުނީ، ބޭރު ގައުމުތަކުން ސިންގަޕޫރަށް ޒިޔާރާތްކުރަން އެދޭ އެޗްއައިވީ ޕޮޒިޓިވް މީހުން މަދު ދުވަސްކޮޅެއްވަންދެން އެގައުމުގައި ތިބުމުގެ ހުއްދަ ދިން ކަމުގައިވީ ނަމަވެސް، އެގައުމުގައި މަސައްކަތްކުރާން އެދޭ ފަރާތަކާއި ދަރީންނަށް ކިޔަވައިދިނުންފަދަ ކަންކަމުގައި ދިގުމުއްދަތަކަށް އަންނަން ބޭނުންވާ އެޗްއައިވީ ޕޮޒިޓިވް ފަރާތްތަކަށް ހުއްދިދިނުމާ ބެހޭގޮތުން އަދި ވަކިގޮތެއް ނުނިންމާ ކަމަށެވެ.
ކުރުމުއްދަތަކަށް ސިންގަޕޫރަށް ޒިޔާރާތްކުރާން އެދޭ، އެޗްއައިވީ ޕޮޒިޓިވް މީހުންނަށް އެ ހުއްދަ ދޭން ނިންމާފައި ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހުއެވެ.
ސިންގަޕޫރުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ، އެޗްއައިވީ ޕޮޒިޓިވް މީހުން އެގައުމަށް ޒިޔާރަތްކުރުން އެއްކޮށް މަނާކޮށް އެފަދަ ފަރާތްތަށް ބްލެކްލިސްޓް ކުރަން ފަށާފައިވަނީ، އެބަލި އެންމެ ފުރަތަމަ ފެނުނު ދުވަސްވަރު ކަމަށްވާ 1980ގެ އަހަރުތަކުގައި ކަމަށެވެ. އަދި އޭރު އެގައުމުން އެގޮތަށް ނިންމީ، އޭރު އެއްވެސް ވަރެއްގެ ފަރުވާއެއް ހޯދިފައި ނުވާ އެބަލި ސިންގަޕޫރުގައި އިތުރަށް ފެތުރުނަ ނުދިނުމުގެގޮތުން ސަރުކާރުން ކަނޑައެކު ޕޮލިސީއެއްގެ ދަށުން ކަމަށެވެ.
އެޗްއައިވީ ޕޮޒިޓިވް މީހުންނަށް ކުރުމުއްދަތަކަށް ސިންގަޕޫރަށް ޒިޔާރާތްކުރުމުގެ ހުއްދަ ދީފައިވަނީ، މިހާރު އެގައުމުގެ ވެސް އެޗްއައިވީ ޕޮޒިޓިވް 5000 އަށް ވުރެ ގިނަ މީހުން ތިބުމާއެކު އެބަލި އިތުރަށް ފެތުރުނަ ނުދިނުކަށް އެކަށޭނަ ފަރުވާވެސް ލިބެންހުރުމާ ގުޅިގެން ކަމަށް ސްޓްރެއިޓްސް ޓައިމްސްގައި ވެއެވެ.
"ކުރުމުއްދަތަކަށް ޒިޔާރާތްކުރުމުގެ ހުއްދި ދީފައިވަނީ ...އެފަދަ މީހެއްގެ ސަބަބުން ސިންގަޕޫރު މީހުންނަށް އެޗްއައިވީ ބަލިފެތުރުމުގެ ފުރުސަތު ކުޑަކަމަށް ފެންނާތީ،" ސިންގަޕޫރު ހެލްތު މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސިންގަރުގައި ކަނޑައަޅާފައިހުން މިފަދަ ގަވާއިތުތައް އާންމުކޮށް އެކުލަވައިލައިފައި ހުންނަނީ، އޮސްޓްރޭލިއާ އަދި ނިއުޒިލެންޑް ފަދަ ގައުމުތަކާ އެއްގޮތަކަށް ކަމަށެވެ.
ސިންގަޕޫރުގައި ދިރިއުޅޭ މީހުންގެ ތެރެއިން އެގައުމުގެ ދާއިމީ ރައްވެހިކަން އޮންނަ މީހުންނާއި ސިންގަޕޫރު މީހުންނާ އިނދެގެން އުޅޭ މީހުން ފިޔަވައި އެގައުމުގައި ދިރިއުޅޭ ބޭރުގައުމެއްގެ ރައްޔިތެއްގެ ގައިން އެޗްއައިވީ ފެނިއްޖެ ނަމަ އެމީހަކު ބްލެކް ލިސްޓްކޮށް ޑީޕޯޓްކޮށްލައެވެ.
އެޑްވޮކެސީ ގްރޫޕެއް ކަމަށްވާ "އެކްޝަން ފޮރ އެއިޑްސް" އިން ވަނީ ސިންގަޕޫރުން އެޅި މި މުހިއްމު ފިޔަވަޅާ ގުޅިގެން އެގައުމަށް މަރުހަބާ ކިޔައިފައެވެ. އަދި އެފަދަ ފަރާތްތަކަށް ދިގުމުއްދަތަކަށް ސިންގަޕޫރަށް ނާދެވޭގޮތަށް އޮތް އޮތުން އުވާލުމަށްވެސް އެ ޖަމިއްޔާއިން ގޮވާލައިފައި ވެއެވެ.
"އެޗްއައިވީ ބަލި ހުންނަ މީހުންނަކީ ބޮޑެތި ކުށްވެރީންނެއް ނޫން އެހެންކަމުން އެމީހުން ގައުމަށް އެތެރެވުން މަނާކޮށްގެން ނުވާނެ،" އެ ޖަމިއްޔާއާ ހަވާލާދީ ސްޓްރެއިޓްސް ޓައިމްސްގައި ވެއެވެ.
"އެމީހުންނަށްވެސް އެހެން މީހުންނެކޭ އެއްގޮތަށް މުޖްތަމައުގެ ބައެއްގެ ގޮތުގައި، އެންމެނާއެކު ލޯތްބާއި އަޅާލުން ލިބޭ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ދޭންޖެހޭނެ. މީސްތަކުންގެ މެދުގައި މިފަދަ ތަފާތުކުރުންތައް އަދިވެސް އޮތްކަމީ ވަރަށް ހިތާމަވެރިކަމެއް."