31 Aug 2015, 12:24
ރަނގަޅު އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ރަނުގެ ފުރުސަތުތަކަކާ އެކު "ދިވެހި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު 2015" މި އަހަރު ޑިސެމްބަރުގައި ބާއްވަން އިކޮނޮމިކް މިނިސްޓްރީ އިން ނިންމައިފި އެވެ.
އެކަމުގެ މައުލޫމާތު ދިނުމަށް އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ މިފަހަރުގެ މައުރަޒުގައި ތަފާތު 47 ދާއިރާއަކުން ތަކެތި ބައިވެރިކުރެވޭނެ ކަމަށެވެ. ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް އެ މައުރަޒުގައި ކޮންމެ އުމުރުފުރައެއްގެ ދިވެއްސަކަށް ވެސް ބައިވެރިވެވޭނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.
މައުރަޒު ބާއްވަނީ އުސްފަސްގަނޑުގައި ސްޓޯލްތަކެއް ހަދައިގެންނެވެ. މިފަހަރުގެ މައުރަޒުގައި ފެންނާނެ އެންމެ ތަފާތު ކަމަކީ ދަތުރުފަތުރު ކުރުމުގައި ބޭނުންކޮށްފައިވާ އުޅަނދުފަހަރާއި މެޝިނަރީސް އެ މައުރަޒުގެ ތެރެއިން ދައްކާލަން ލިބުމެވެ. އަދި މައުރަޒުގެ ތެރެއިން އެއްޗެހި ވިއްކުމާއި ގަތުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.
އޭގެ އިތުރުން އަބްދުﷲ ވިދާޅުވީ މިފަހަރުގެ މައުރަޒުގައި ވަނަ ވަނަ އަށް ހޮވޭ ފަރާތްތަކުގެ ތެރެއިން ކަނޑައެޅޭ ފަރާތްތަކަކަށް އަންނަ އަހަރު ޗައިނާގެ ކުންމިންގައި އޮންނަ ފެއާއެއްގައި ބައިވެރިވުމުގެ ފުރިސަތު ލިބޭނެ ކަމަށެވެ. އެ ފެއާގައި ތަކެތި ބައިވެރިކުރުމަށް ޗައިނާއަށް އެ އުފެއްދުންތައް ގެންދިއުމުގެ މަސައްކަތް މިނިސްޓްރީން ކުރާނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
މައުރަޒުގައި ބައިވެރިވާ ކޮންމެ ދާއިރާއަކުން ވެސް އެއްވަނަ ދެވަނަ އަދި ތިންވަނަ އަށް އިނާމު ލިބޭނެ އެވެ. އޭގެ ތެރެއިން ގައުމީ އިނާމުގެ ގިންތިން އެންމެ މަތިން މާކްސް ހޯދާ ފަސް އުފެއްދުމަކަށް ސަރުކާރުން ދޫކުރާ "ކުދި އަދި މެދުފަންތީގެ ލޯނު" ލިބޭނެ ކަމަށެވެ. އެ އުފެއްދުންތަކަށް މާލީ ގޮތުން ސަރުކާރުން އެހީވެތީ އެ އުފެއްދުންތައް ބާޒާރަށް ނެރި، އެ އުފެއްދުންތައް ވިއްކައިގެން ކުރިއަށްދެވޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. އަބްދުﷲ ވިދާޅުވީ މިނިސްޓްރީގެ ފަރާތުން އެ ބޭފުޅުން ބޭނުންވެލައްވާ ނަމަ ބިޒްނަސް ޕްލޭން ވެސް ތައްޔާރުކޮށްދޭނެ ކަމަށެވެ.
މައުރަޒުގައި ތަކެތި ބައިވެރިކުރާ އިރު، ތަކެތި އޮތީ ދެބަޔަކަށް ބަހާލައިފަ އެވެ. އެއީ ކަނޑުދަތުރު ފަތުރުކުރާ އުލަނދުފަހަރާއި މެޝިނަރީސް ފަދަ ތަކެއްޗަކީ 2012 ވަނަ އަހަރުގެ ޖެނުއަރީ އެކެއްގެ ފަހުން އިފައްދާފައިވާ ތަކެއްޗަށް ވާންޖެހެ އެވެ. ދެން ހުރި ކެޓަގަރީތަކުން 2014 ވަނަ އަހަރުގެ ޖެނުއަރީ އެކެއްގެ ފަހުން އުފައްދާފައިވާ ތަކެއްޗަށް ވާންޖެހޭނެ އެވެ.
މައުރަޒުގައި ތަކެތި ބައިވެރިކުރެވޭނީ މި އަހަރު ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހާ ހަމައަށެވެ. ބައިވެރިވާން އެދޭ ފޯމާއި ގަވާއިދު އިކޮނޮމިކް މިނިސްޓްރީން ލިބެން ހުންނާނެ އެވެ. އަދި އަތޮޅުތަކުގައި ގާއިމްކުރާ ފޯކަލް ޕޮއިންޓްތަކުންނާއި މިނިސްޓްރީގެ ވެބްސައިޓުން ވެސް ލިބޭނެ އެވެ.