އެއްވެސް ޕްރޮމޯޝަނަކާ ނުލައި ގިނަ ބައެއް ސިއްސުވާލުމަށްފަހު މަޝްހޫރު ލަވަ ކިޔުންތެރިޔާ މައިލީ ސައިރަސް އޭނާގެ އާ އަލްބަމް "މައިލީ އެންޑް ހާ ޑެޑް ޕެޓްޒް" އޮންލައިންކޮށް އެންމެނަށް ހިލޭ ބޭނުން ކުރެވޭނެގޮތަށް ރިލީޒްކޮށްފިއެވެ.

ރޭ އެމްޓީވީ ވީއެމްއޭގައި މައިލީ ސައިރަސް ވަނީ އެންމެނަށް އަލްބަމް ހިލޭ ލިބޭނެ ކަމަށް ބުނެ އެކަން އާންމުކޮށް އިއުލާނުކޮށްފައެވެ. އެގޮތުން އެވާހަކަ އާންމު ކުރުމުގެ ކުރިން އޭނާ ވަނީ އަލްބަމްގެ ސިންގަލްއެއް ކަމަށްވާ "ޑޫ އިޓް!" ޕަފޯމް ކޮށްފައެވެ. އެއީ އެ ހަފްލާގެ އެންމެ ފަހު އެއް އައިޓަމެވެ.

މައިލީގެ 2013 ވަނަ އަހަރުގެ އަލްބަމް "ބޭންގާޒް"ގެ "ފޮލޯއަޕް" އަލްބަމެއްގެ ގޮތުގައި ރޭ ރިލީޒްކުރި އަލްބަމްގައި 23 ލަަވަ ހިމެނެއެވެ.

ގިނަ އަދަދެއްގެ ތަރިންތަކަކާއެކު ކޮލެބޮރޭޓުކޮށްގެން ތައްޔާރުކޮށްފައިވާ އަލްބަމާ ބެހޭގޮތުން މަދުން ނަމަވެސް ވަނީ އަޑުތަކެއް މީގެ ކުރިން ފެތުރިފައެވެ. އެގޮތަށް އަޑު އަރަން ފަށާފައިވަނީ ފްލޭމިން ލިޕްސް އާ އެކު ސިންގަލް އެއް ނެރުމަށް މައިލީ ތައްޔާރުވާ ކަމަށް ބުނެ އެވެ.

ހިލޭ ޑައުންލޯޑް ކުރެވޭގޮތަށް ނެރުނު އެ އަލްބަމްގައި ބިގް ޝޯން އާއި އޭރިއެލް ޕިންކް އަދި ފްލޭމިން ލިޕްސް އާ އެކު މައިލީ ވަނީ ކޮލޭބޮރޭޓް ކޮށް ލަވަތަކެއް ތައްޔާރުކޮށްފައެވެ.