ރާއްޖޭގެ މުޅި އާބާދީއަށް ހައި ސްޕީޑް އިންޓަނެޓްގެ ޚިދުމަތް ދިނުމަށް ދިރާގުން ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ އުތުރުން ދެކުނަށް ކަނޑުއަޑިން ފައިބާ އޮޕްޓިކް ކޭބަލް ނެޓްވޯކް ސިސްޓަމެއް އެޅުމުގެ މަސައްކަތް 21.7 މިލިއަން ޑޮލަރަށް ޖަޕާނުގެ އެންއީސީ ކޯޕަރޭޝަނާ ދިރާގުން ހަވާލުކޮށްފި އެވެ.

ޓްރޭޑާސް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނުގެ އެންއީސީއާ ހަވާލުކޮށްފައިވާ 21.7 މިލިއަން ޑޮލަރު ނުވަތަ ރަސްމީ ރޭޓުން ބަލާއިރު 278.8 މިލިއަން ރުފިޔާގެ ޕްރޮޖެކްޓުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ދިރާގުގެ ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދެވެ. އެންއީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެގްޒެކެޓިވް މާކެޓިން މެނޭޖާ ކޯޝީ ޓަކަހާށީ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، ޖަޕާނަށް ކުރިމަތިވެފައިވާ ކާރިސާގެ ހިތައިމާގައި ބައިވެރުވުމުގެ ގޮތުން އެއް މިނެޓުގެ ސުކޫތެއްވެސް ވަނީ ބާއްވައިފަ އެވެ.

އިސްމާއިލް ރަޝީދު މިއަދު ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 15 މަސްދުވަހުގެ ތެރޭ ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް ކަނޑުއަޑިން 1017 ކިލޯ މީޓަރުގެ ސަބްމެރިން ކޭބަލް ނެޓްވޯކެއް ގާއިމްކުރުމުގެ ބޮޑު މަސައްކަތް އެންއީސީގެ ފަރާތުން ކުރިއަށްގެންދާނެ ކަމަށެވެ. އެ މަޝްރޫއުއަކީ ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ހައި ސްޕީޑް އިންޓަނެޓުގެ ޚިދުމަތް ދިނުމަށް ދިރާގުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ވަރަށް މުހިންމު ބައެއް ކަމަށާއި އެ ޕްރޮޖެޓު ފެށުމަކީ ދިރާގުގެ ތާރީޚުގައި އައި ވަރަށް އުފާވެރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުޅި ރާއްޖެ ސަބްމެރިން ކޭބަލްއަކުން ގުޅާލާއިރު، އެ ކޭބަލް އަޅަން ހަމަޖައްސައިފައިވަނީ އަތޮޅުތަކުގެ ތެރޭ ހުރި ދިރާގުގެ ހުރިހާ އޮޕަރޭޝަން ސެންޓަރުތައް ހިމެނޭ ގޮތަށް އަށް ސަރަހައްދަކަށް ބަހަލައިގެންނެވެ. އެެ އަށް ސަރަހައްދުގެ ތެރޭގައި ހިމެނެނީ ހދ. ކުޅުދުއްފުއްޓާއި ބ. އޭދަފުއްޓާއި އދ. ދަގެނއްޗާއި މާލެ އާއި ލ. ގަމާއި ގދ. ކާޑެއްދޫ އާއި ޏ. ފުވައްމުލަކުގެ އިތުރުން ސ. ހިތަދޫ އެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި އެ ކޭބަލް އެޅުމުގެ ކުރިން ހަދަން ޖެހޭ ހުރިހާ ސާވޭތަކާއި އެންވާރަމެންޓް އެސެސްމެންޓްތައް ތައްޔާރުކުރާނީ ވެސް އެންއީސީންނެވެ.

"އެންއީސީން ކޮށްދިނުމަށް އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރޭގައި 1017 ކިލޯ މީޓަރުގެ ސަބްމެރިން ކޭބަލް މެނުފެކްޗާކޮށް، ކަނޑުއަޑީގައި އަޅައިދިނުން ހިމެނޭ. އަދި އެއާ ބެހޭ ގޮތުން އޭގެ ކުރިން ކުރަންޖެހޭ ހުރިހާ ސާވޭތަކާއި އޭގަ ހަދަންޖެހޭ އެންވާރަމަންޓަލް އެސަސްމަންޓްތަކާ މިފަދަ މަސައްކަތްތައް ކުރުން ހިމެނޭ. އަދި އެއަށް ދެން ގުޅަން ޖެހޭ އިކުއިޕްމަންޓްތަކާ އަދި އެހެން ސާމާނުތައް މެނުފެކްޗާކޮށް، އެ ހަރުކޮށް، ސިސްޓަމަކީ މަސައްކަތްކުރާ ސިސްޓަމަށް ހަދައިދިނުން ހިމެނޭ." އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

ކޮލޮމްބޯއާއި ރާއްޖެއާ ދެމެދު އަޅައިފައިވާ 837 ކިލޯމީޓަރުގެ ކޭބަލް ވެސް ކަނޑުއަޑީގައި ގާއިމްކޮށްދީފައިވަނީ އެންއީސީންނެވެ. އެކުންފުނިން މިއަދު ބުނީ، ދިރާގުން ހިތްހަމަޖެހޭ ފެންވަރުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭ އެ ކޭބަލް އެޅުމުގެ މަސައްކަތް ނިންމުމަށް އެކުންފުނިން މަސައްކަތްކުރާނެ ކަމަށެވެ.

ދިރާގުން މިއަދު ބުނީ، ހައި ސްޕީޑް އިންޓަނެޓު ފޯރުކޮށްދިނުމަށް ދިރާގުން ފަށައިފައިވާ ޕްރޮގްރާމްގެ ތެރޭގައި ސަބްމެރިން ކޭބަލް އެޅުމުގެ އިތުރަށް އެހެން މުހިންމު ބައިތަކެއް ވެސް ހިމެނޭ ކަމަށެވެ. އެގޮތުން ދިރާގުގެ މައިކްރޮވޭވް ނެޓްވޯކާއި، 3ޖީ އަދި ވަޔަލެސް ބްރޯޑްބޭންޑުގެ ޚިދުމަތް އިތުރަށް ފުޅާކުރުމާއި އިންޓަނެޓް ނެޓްވޯކް އަޕްގްރޭޑްކުރުން ހިމެނޭ ކަމަށެވެ.

"މި މުހިންމު ޕްރޮގްރާމަށް ދިރާގުން ކުރިއަށް އޮތް ފަސް އަހަރުތެރޭ ގާތްގަނޑަކަށް 70 މިލިއަން ޑޮލަރު ޚަރަދުކުރަން ރޭވިފައިވެއެވެ." ދިރާގުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވެއެވެ.

އެ ސަބްމެރިން ކޭބަލް އެޅުމުން ދިރާގުން މިހާރު ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްގީކޮށް، ޒަމާނީ މުވާސަލާތީ ޚިދުމަތްތައް ދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ. ރރ