31 Aug 2015, 11:01
މަސްމާރުކޭޓް ސަރަހައްދުގެ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ޓެބްލެޓެއް ވަގަށް ނެގުމަށްފަހު ޕިކަޕެއްގެ ދަށަށް ފިލަން ވަދެ އޮތް ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ރޭ ދަންވަރު 02:50 ހާއިރު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ ޓެބްލެޓް ފެނިފައިވަނީ އޭނާ ފިލަން ވަދެ އޮތް ޕިކަޕުގެ ދަށުން ކަމަށްވެސް ފުލުހުން ބުންޏެވެ.
ވައްކަން ކުރިކަމަށް ތުހުމަތު ކުރެވޭ މީހާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އޭނާ ފެނިފައި ވަނީ ފާލަންދޮށު ހިނގުމުގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ދަށަށް ވަދެ ފިލާ އޮއްވައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޓެބްލެޓް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާއަކީ ތަފާތު އެކިއެކި މައްސަލަތަކާއި ގުޅިގެން 119 ފަހަރު ހުއްޓުވައި ސުވާލުކޮށް 44 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެކެވެ. 18 ފަހަރެއްގެ މަތީން އޭނާ ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ދެ މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައި ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން އޭނާ އަކީ ގަވާއިދާ ހިލާފަށް އޮޑި ދޯނި ފަހަރަށް އެރުމުގެ މައްސަލަތަކާއި ރޯދައަށް ހުރެ ކެއުމުގެ މައްސަލައަކާއި އަމުރައް ނުކިޔަމަންތެރިވުމުގެ މައްސަލައެއްގެ އިތުރުން ގިނަ އަދަދެއްގެ ވައްކަމުގެ މައްސަލަތަކާއި ފޭރުމުގެ މައްސަލަ ތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ދާ ކަމަށެވެ.