31 Aug 2015, 12:28
މިނިވަން ފަންސާހަށް މާލެތެރެ ޒީނަތްތެރި ކުރުމަށް އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ތަކެތި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު މިއަދު ސަން އަށް ވިދާޅުވީ "މާލެ ތެރެ އަމާން ކުރުމަށް ޓަކައި" މިނިވަން ފަންސާހާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ތަކެތި ނެގުމަށް އެ މިނިސްޓްރީން ފަށާފައިވާ މަސައްކަތް އަދި ވެސް ނުނިމޭ ކަމަށެވެ.
އޭނާ ވިދާޅުވީ މިނިވަން ފަންސާހާ ގުޅިގެން ކޮންމެ ފަރާތަކުން ބަހައްޓާފައި ހުރި އެއްޗެއް ކަމުގައި ވިޔަސް ހައުސިން މިނިސްޓްރީން އެ އެއްޗެއް ނަގާނެ ކަމަށެވެ.
"މިނިވަން ފަންސާހާ ގުޅިގެން މާލެތެރޭގައި ތަކެތި ބެހެއްޓުމަށް އެކި ފަރާތްތަކަށް ހުއްދަ ދީފައިވާ އިރު އެއީ ވަކި މުއްދަތަކަށް ދިން ހުއްދައެއް. އެތަކެތި ބެހެއްޓުމަށް ދިން މުއްދަތު ހަމަވީމަ ޖެހޭނީ ނަގަން. އެހެންމީވަ ކޮންމެ ފަރާތަކުން މިނިވަން ފަންސާހާ ގުޅޭ ގޮތުން ބަހައްޓާފައި ހުރި އެއްޗެއް ކަމުގައި ވިޔަސް މިނިސްޓްރީން އެ އެއްޗެއް ނަގާނެ،" ހަސަން ރަޝީދު ވިދާޅުވި އެވެ.
މިނިވަން ފަންސާހަކަށް މާލެތެރޭގައި އެކި ތަކެތި ބެހެއްޓި އިރު ރައްކާތެރިކަމާ އެކު އެތަކެތި ބެހެއްޓުމަށް ހުރިހާ ފަރާތަކަށް ވެސް މިނިސްޓްރީން އިލްތިމާސްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިއްޒުއްދީން މަގަށް ފެންނަ ގޮތަށް އެ މަގުގައި ހުންނަ ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސާވިސްގެ އިމާރާތުގެ މަގުގެ އަރިމަތީގައި ބަހައްޓާފައި ހުރި ދަގަނޑު ހޮޅިއެއް ވެއްޓި ޒުވާން އަންހެން ކުއްޖަކު ވަނީ ނިޔާވެފަ އެވެ. އެއީ މިނިވަން ފަންސާހަށް މާލެތެރެ ޒީނަތްތެރި ކުރުމުގެ ގޮތުން ނަމޫނާ ރުކެއްގެ ގޮތުގައި ކުލަބޮކި ދިއްލުމަށް ބޭނުންކުރި ދަގަނޑު ހޮޅިއެކެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ ދަގަނޑު ހޮޅި ވެއްޓިފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކޮންޓެއިނާ ޓްރަކެއް ކޮންޓްރޯލް ނުވެ ހޮޅިދަނޑީގައި ޖެހުމުގެ ސަބަބުންނެވެ. ނިޔާވި ސ. ހިތަދޫ ލިލަކް އަޒުފާ ޒުހައިރު، 24، އެވަގުތު އިނީ އެ ކޮންޓެއިނާ ފަހަތުން ދިޔަ ސައިކަލެއްގެ ފަހަތުގަ އެވެ.
އިއްޔެ މެންދުރު 2:28ގައި އަޒުފާ ނިޔާވީ އެ ހާދިސާގައި އޭނާގެ ބޮލަށާއި މައި ބަދައަށް ލިބުނު އަނިޔާތަކުގެ ސަބަބުން ހޭނާރައި ވެންޓިލޭޓަރުގެ އެހީގައި ނޭވާލަމުން ދަނިކޮށެވެ.