އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ސްވަންސީ ސިޓީން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ވަރުގަދަ މެންޗެސްޓާ ޔުނައިޓަޑްގެ މައްޗަށް އަނެއްކާވެސް ކާމިޔާބު ހޯދައިފިއެވެ.

ރޭގެ މެޗުން ސްވަންސީ މޮޅުވުމުން މިއީ ހިޖެހިގެން މެންޔޫ އަތުން ސްވަންސީ މޮޅުވި ތިން ވަނަ މެޗެވެ. މިދިޔަ ސީޒަންގައި މިދެ ޓީމް ކުޅުނު ދެ މެޗުންވެސް މެންޔޫ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

ސްވަންސީގެ ދަނޑު ލިބަޓީ ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ފުރަތަމަ ލީޑް ނެގީ މެންޔޫއެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ސްވަންސީ ސިޓީއާއި މެންޗެސްޓާ ޔުނައިޓަޑް ބައްދަލު ކުރި މެޗްގެ ތެރެއިން --- އޭޕީ ފޮޓޯ/ މާޓް ޑަނަމް

އެގޮތުން މެޗްގެ ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓްގައި މެންޔޫއަށް ލީޑް ނަގައިދިނީ ޑިފެންޑަރު ލޫކް ޝޯ ތަނަވަސްކޮށްދިން ފުރުސަތަކުން ހުވާން މަޓާ އެވެ.

ސްވަންސީން މެޗުގެ ނަތީޖާ އެއްވަރު ކުރީ 61 ވަނަ މިނެޓްގައި ސިގޫޑްސަން ތަނަވަސްކޮށްދިން ފުރުސަތަކުން ގާނާގެ ފޯވަޑް އެންޑުރޫ އަޔޫ ޕެލޭއެވެ.

އޭގެ ފަސް މިނެޓް ފަހުން ސްވަންސީއަށް ލީޑް ނަގައިދިނީ އެންޑުރޫ އަޔޫ ތަނަވަސްކޮށްދިން ފުރުސަތަކުން ބާފާޓެމްބީ ގޯމިސްއެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ސްވަންސީ ސިޓީއާއި މެންޗެސްޓާ ޔުނައިޓަޑް ބައްދަލު ކުރި މެޗްގެ ތެރެއިން --- އޭޕީ ފޮޓޯ/ މާޓް ޑަނަމް

ރޭ ގެ މެޗުން ލިބުނު މޮޅާއެކު ސްވަންސީ އޮތީ 8 ޕޮއިންޓާއެކު ތަވަލްގެ ހަތަރު ވަނައިގައެވެ.

މެންޔޫ އޮތީ ހަތް ޕޮއިންޓާއެކު ތަވަލްގެ ފަސް ވަނައިގައެވެ.