31 Aug 2015, 10:32
ހޮލީވުޑްގެ ބިރުވެރި ފިލްމްތައް ކަމަށްވާ "ނައިޓްމެއަރ އޮފް އެލްމް ސްޓްރީޓް" އަދި "ސްކްރީމް" ފަދަ ސީރީޒްތައް އުފައްދައިގެން ގިނަބައެއްގެ މަގްބޫލުކަން ހޯދާފައިވާ، މަޝްހޫރު ލިޔުންތެރިޔާ އަދި ޑައިރެކްޓަރު، ވެސް ކްރެއިވަން، އުމުރުން 76ގައި މަރުވެއްޖެ އެވެ.
ކްރެއިވަންގެ އާއިލާއިން ބުނީ، ބްރެއިން ކެންސަރާ ހަނގުރާމަކުރާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް ކްރެއިވަން މަރުވެފައި ވަނީ އާދީއްތަދުވަހުގެ ވަގުތެއްގައި ލޮސްއެންޖަލްސްގައި ހުންނަ އޭނާގެ ގޭގައި ކަމަށެވެ.
ވެސްލީ އަރލް "ވެސް" ކްރެއިވަން އުފަންވީ 2 އޯގަސްޓް 1939 ވަނަ އަހަރު އޮހިއޯގެ ކްލިވްލެންޑްގައެވެ. އޭނާ ވަނީ، ޖޯން ހޮޕްކިން ޔުނިވާސިޓީގައި ފިލޯސަފީއާއި ލިޔުންތެރިކަމުން މާސްޓަރޒް ޑިގްރީ ހާސިލްކޮށްފައެވެ.
މިހާރު ގޯލްޑަން ގްލޯބް އެވޯޑާއި ސްކްރީން އެކްޓާސް ގިލްޑް އެވޯޑް ހާސިލްކޮށްފައިވާ، ހޮލީވުޑްގެ މަޝްހޫރު ތަރި، ޖޮނީ ޑެޕް (ޖޯން ކްރިސްޓޮފާ) އަށް އެންމެ ފުރަތަމަ މަޝްހޫރުވެގެން ދިޔައީ 1984 ވަނަ އަހަރު ކްރެއިވަން އުފެއްދި ބިރުވެރި ފިލްމް "ނައިޓްމެއަރ އޮފް އެލްމް ސްޓްރީޓް" ސަބަބުންނެވެ. އަދި ހަމަ އެ ސީރީޒްގެ އުފެއްދުމެއް ކަމަށްވާ "ސްކްރީމް"ގައި ސީރިއަލް ކިލާއެއްގެ ރޯލް އަދާކުރި އެކްޓަރު ރޮބާޓް އެންގްލާންޑް "ފްރެޑީ ކްރޫގާ"އަށް ވެސް އާންމުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިގެން ދިޔައެވެ.
ބިރުވެރި ފިލްމު އިތުރުން ކްރެއިވަން ޑައިރެކްޓްކުރި "މިއުޒިކް އޮފްދަ ހާޓް" އަކީވެސް އޮސްކާއަށް ނޮމިނޭޓްވި ޑްރާމާއެކެވެ.
ކްރެއިވަން އޭނާގެ އަމިއްލަ ނަމުގައި އެންމެ ފުރަތަމަ ފިލްމެއް އުފެއްދީ 1972 ވަނަ އަހަރުއެވެ. ބިރުވެރި ފިލްމެއް ކަމަށްވާ "ދަ ލާސްޓް ހައުސް އޮން ދަ ލެފްޓް"އަކީ ވެސް ގިނަބައެއްގެ މަގުބޫލުކަން ހޯދި ފިލްމެކެވެ.