15 Mar 2011, 15:05
ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި އަދި އެއާ ވިދިގެން އައި ސުނާމީއާ ގުޅިގެން އެތައް ބަޔަކު މެރުވެ، އެ ގައުމަށް ލިބުނު ބޮޑެތި ގެއްލުތަކުގެ ހިތާމައިގައި ވަޒީރުންގެ މަޖިލީހުގައި އެއް މިނިޓްގެ ސުކޫތެއް މިއަދު ފާހަގަކޮށްފި އެވެ.
ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި ސުނާމީ އައިތާ ފަސް ދުވަސް ފަހުން ވަޒީރުންގެ މަޖިލީހުން ބޭއްވި ސުކޫތާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވީ ޖަޕާނަކީ ދިވެހި ރާއްޖެ އަށް ދީލަތި އެހީތަކެއް ފޯރުކޮށްދެމުންދާ ގައުމަކަށްވީ ހިނދު މިއަދު އެ ގައުމަށް ދިމާވެފައިވާ ހާލަތާ މެދު ދިވެހި ރައްޔިތުން ހަމްދަރުދީވާ ކަމަށެވެ.
ޖަޕާނުން ރާއްޖެ އަށް ފޯރުކޮށްދީފައިވާ ދީލަތި އެހީތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ނަޝީދު ވިދާޅުވީ މަސްވެރިކަމާއި އެކި އިމާރާތްތައް ބިނާކުރުމާއި ފަންނީ ސާމާނާއި ތަމްރީންތައް ފަހިކޮށްދިނުމުގައި ޖަޕާނުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
"ރާއްޖޭގެ މަސްގަނެ، މަސްވެރިކަމުގެ ގިނަ ގުނަ ބައިވެރިވުންތަކުކުން ފެށިގެން މީހާރުގެ އެންމެއެންބީސީ އޭރުގެ ޓީވީއެމް އަށް ފަންނީ ސާމާނާއި ތަމްރީނުތައް ފަހިކޮށްދެއްވުމާ ހަމައިން ރާއްޖޭގެ އެތަކެއް ސްކޫލެއް އިމާރާތްކޮށްދެއްވުމާއި އަތޮޅުތަކުގައި އިލެކްޓްރިކް ކަރަންޓް ދޫކުރުމުގެ ޕްރޮޖެޓްތަކަށް އެއީވެދިނުމާއި މޭލެ ވަށައިގެން ކަނޑު ތޮށިލުމާއި މެދުނުކެނޑި ވެދޭ އެއީއެއްގެ ގޮތުގައި ފޮނުވާ ގޮދަންފުށުގެ އެހީތެރިކާމާއި ވޮލަންޓިއަރުންގެ މަސައްކަތްތަކަށްވެ ދޭ އެހީ އަދި ކަސްޓަމްގެ ލޮބޯރެޓަރީއާ ވެސް ގުޅިފައި ހުރީ ޖަޕާނުން ރާއްޖެ އަށް ދީލަތިކަމާ އެކު ފޯރުވައިދޭ އެއީތެރިކަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޖަޕާނަށް މެދުވެރިވެފައިވާ ފުން ހިތާމަ އާ ގެއްލުމުގެ ދަނޑިވަޅުގައި "އަޅުގަނޑުމެން އެންމެހާ ދިވެހިން ބައިވެރިވާ ކަމުގެ ރަމްޒެއްގެ ގޮތުގައި" އެއް މިނެޓްގެ ސްކޫތެއް ވަޒީރުންގެ މަޖިލީހުގައި ފާހަގަ ކުރާ ކަމަށެވެ.