ހޮލީވުޑް އާޓިސްޓުންގެ މަސައްކަތުގެ އަގުވަޒަން ކުރުމަށްދޭ ލައިފްޓައިމް އެޗީވާ އެވޯޑް "އެމްޓީވީ މައިކަލް ޖެކްސަން ވިޑިއޯ ވެންގާޑް އެވޯޑް" މިއަހަރު، މަޝްހޫރު ލަވަކިޔުންތެރިޔާ އާއި ފެޝަން ޑިޒައިނަރު އަދި ޕްރޮޑިއުސަރު ކާންޔޭ ވެސްޓް އަށް ދީފިއެވެ.

މިއުޒިކް އިންޑަސްޓްރީގައި ވެސްޓް އޭނާގެ އަމިއްލަ ބްރޭންޑެއް އުފައްދާފައިވާއިރު ވޭތުވެ ދިޔަ އަހަރުތަކުގައި އޭނާ ވަނީ ގިނަ އުފެއްދުންތަކެއް ދައްކާލާފައެވެ.

އެމްޓީވީ މޫންމޭން ނުވަތަ ވީޑިއޯ އޮފް ދަ އިޔާ އެވޯޑުގައި ވެސްޓް ވަނީ 30 އަށްވުރެ ގިނަ ފަހަރަށް ނޮމިނޭޓް ވެފައެވެ. އެގޮތުން 2004 ވަނަ އަހަރު އޭނާ ފުރަތަމަ ފަހަރަށް އެ އެވޯޑަށް ނޮމިނޭޓް ވެފައިވާއިރު އެ އަހަރު ވެސް ހަތަރު ކެޓަގަރީއަކުން ނޮމިނޭޓް ވެފައި ވެއެވެ.

ގިނަ އަދަދަކަށް މޫންމޭން އެވޯޑަށް އޭނާ ނޯމިނޭޓް ވި ނަމަވެސް މިހާތަނަށް އޭނާ އަށް ލިބިފައިވަނީ އޭގެ އެންމެ ދެ އެވޯޑެވެ. އެހެން ނަމަވެސް އެހާ ގިނަ އެވޯޑުތަކަށް ނޯމިނޭޓް ވެފައިވާ މީހަކަށް ވުމުން އޭނާވަނީ ހޮލީވުޑް މިއުޒިކް އިންޑަސްޓްރީއަށް ބޮޑެތި ބަދަލުތަކެއް ގެނަ މީހަކަށް ވެފައެވެ.

ރޭގެ އެމްޓީވީ ވީއެމްއޭ ހަފްލާގައި އޭނާއަށް އެވޯޑު ލިބުނު ނަމަވެސް ގިނަ ބައެއްގެ ސަމާލުކަން އަތުލައިގަތީ އެވޯޑު ހަވާލު ކުރި ފަރާތެވެ. އެ އެވޯޑު ހަވާލު ކޮށްފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓެވެ.

މީގެ ކުރިން 2009 ވަނަ އަހަރު ޓޭލާ ސްވިފްޓް އަށް އެވޯޑެއް ލިބުމާއެކު ވެސްޓް ވަނީ ސްވިފްޓް ސްޕީޗް ދިނުމުގެ ކުރިން ސްޓޭޖަށް އަރައި އޭނާގެ އަތުން މައިކު އަތުލައިފައެވެ. އެކަމާ ގުޅިގެން އަދި އަދަށްދާން ދެންވެސް އެއީ ގިނަބައެއްގެ މެދުގައި ގަދައަށް ދެކެވޭ ވާހަކައެކެވެ. ނަމަވެސް ސްވިޕްޓް ވަނީ، ރޭ އެވޯޑު ހަވާލު ކުރުމަށް ސްޓޭޖަށް އެރުމަށްފަހު ވެސްޓުގެ މަސައްްކަތަށް ތައުރީފުކޮށްފައެވެ.

މައިކަލް ޖެކްސަން ވީޑިއޯ ވެންގާޑް އެވޯޑު ވޭތުވެ ދިޔަ އަހަރު ލިބިފައިވަނީ ބިޔޯންސޭއަށެވެ. އެ އެވޯޑު ލިބުނު މީހުންގެ ތެރޭގައި ޖަސްޓިން ޓިމްބަލޭކް އާއި ބްރިޓްނީ ސްޕިއާސް އާއި ހައިޕް ވިލިއަމްސް އާއި ޑިއުރަން ޑިއުރަން އާއި ޔޫޓޫގެ އިތުރުން ރެޑް ހޮޓް ޗިލީ ޕެޕާސް ހިމެނެއެވެ.